ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާން އާރާސްތުކުރުމަށް އެމެރިކާއިން ދޭންބުނި 300 ބިލިއަން ޑޮލަރުގެ މައްސަލަ ހޫނުވެއްޖެ

އީރާން އާރާސްތުކުރުމަށް އެމެރިކާއިން ދޭންބުނި 300 ބިލިއަން ޑޮލަރުގެ މައްސަލަ ހޫނުވެއްޖެ

އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ކުރަމުންދިޔަ ހަނގުރާމަ ނިންމާލުމަށްޓަކައި ވެވުނު އެއްބަސްވުމުގައި ހިމެނޭ، އީރާން އަލުން އާރާސްތުކުރުމުގެ 300 ބިލިއަން ޑޮލަރުގެ ފަންޑުގެ މައްސަލަ އެމެރިކާގެ ސިޔާސީ މަސްރަހުގައި ބޮޑު ބަހުސަކަށް ބަދަލުވެއްޖެއެވެ.

ފްރާންސްގައި ބޭއްވުނު ބައްދަލުވުމެއްގައި މި އެއްބަސްވުމުގެ ފަހުމުނާމާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމާއެކު އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ބްލޮކޭޑްތައް ވެސް މިހާރު ވަނީ އުވާލާފައެވެ.
މި ފަންޑާ ގުޅޭގޮތުން އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާތީ، ޓްރަމްޕް އަދި އޭނާގެ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން މިކަމަށް އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށް ބުނެފައެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނި ގޮތުގައި އެމެރިކާއިން އީރާނަށް 300 ބިލިއަން ޑޮލަރު ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ޚަބަރުތަކެކެވެ. ވެންސް ބުނި ގޮތުގައި މި ފަންޑަށް ފައިސާ ހޯދާނީ މެދުއިރުމަތީގެ އަރަބި ގައުމުތަކާއި، އީރާނުގައި އިންވެސްޓްކުރަން ބޭނުންވާ އެހެން ބޭރުގެ ގައުމުތަކުންނެވެ. އަދި އީރާނަށް މި ފައިސާ ލިބޭނީ އެ ގައުމުގެ އަމަލުތައް ބަދަލުކޮށް އެއްބަސްވުމަށް ފުރިހަމައަށް ބޯލަނބާ ނަމަ ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުން ދަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ސެނެޓަރު އެމީ ކްލޮބޫޗާ ބުނި ގޮތުގައި 300 ބިލިއަން ޑޮލަރަކީ އެމެރިކާގެ އެތައް ރައްޔިތުންނެއްގެ ގެދޮރުނެތް މައްސަލަ ހައްލުކުރުމަށާއި، ކެންސަރު ބަލީގެ ދިރާސާތަކަށް ނުވަތަ ކުޑަކުދިންގެ ތައުލީމަށް ޚަރަދުކުރެވިދާނެ ފައިސާއެވެ.

ސެނެޓްގެ ޑިމޮކްރެޓްސް ލީޑަރު ޗަކް ޝޫމާ ވެސް ބުނީ އީރާނަށް އެ ފައިސާ ފޮނުވަން ޑިމޮކްރެޓުން އެއްބާރުލުން ނުދޭނެ ކަމަށެވެ. މީގެ އިތުރުން ކޮންގްރެސް މެންބަރު ޖޭސަން ކުރޯ ބުނީ އެމެރިކާގެ ރައްޔިތުންގެ ސިއްހީ ކަންކަމަށް ފައިސާ ނުލިބޭއިރު، އީރާނަށް ދޭނެ ފައިސާ ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް ހަރުކަށި މެންބަރުން ވެސް ވަނީ މި އެއްބަސްވުމަށް ފާޑުކިޔާފައެވެ. އެގޮތުން ސެނެޓަރު ރޮޖާ ވިކާ ބުނީ، މިއީ ބާރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރު ވެވުނު ނިއުކްލިއާ އެއްބަސްވުމަށްވުރެ ވެސް މާ ބޮޑު ދޫދިނުމެއް ކަމަށެވެ. އަދި ކޮންގްރެސް މެންބަރު ތޯމަސް މާސީ ބުނި ގޮތުގައި 300 ބިލިއަން ޑޮލަރަކީ އެމެރިކާގެ މަގުތަކާއި ފާލަންތައް ހަދަން އަހަރަކު ކުރާ ޚަރަދަށްވުރެ ފަސް ގުނަ ބޮޑު އަދަދެކެވެ.
މި އެއްބަސްވުމުގެ ދަށުން އީރާނުގެ ތެލާއި ގޭހުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި ފަންޑު އަމަލީގޮތުން ހިންގާނެ ގޮތާއި, ފައިސާ ހޯދާނެ ގޮތުގެ ތަފްސީލީ މާއްދާތައް ކަނޑައެޅުމަށްޓަކައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ.