ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އިން ޣައްޒާގެ ރައްޔިތުން ވަކި ސަރަޙައްދަކަށް ގެންދަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އިން ޣައްޒާގެ ރައްޔިތުން ވަކި ސަރަހައްދަކަށް ގެންގޮސް ބޭތިއްބުމަށްޓަކައި، ޣައްޒާގެ ދެކުނުގައިވާ ރަފަހްގައި "އިންސާނީ އެހީގެ ސަރަހައްދެއް" ހެދުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ރާވަމުންދާ ކަމަށް އެ ބޯޑުގެ އޮފިޝަލަކު ވަނީ ހާމަކޮށްފަ އެވެ.
ފަލަސްތީނުގެ އެތައް ހާސް އާންމުންނަށް ހާއްސަކޮށްގެން ހަދާ މި ސަރަހައްދަކީ ޓްރަމްޕްގެ 20 ނުކުތާގެ ސުލްހައިގެ ޕްލޭނުގެ ދަށުން، ޣައްޒާ ހިންގުމާ ހަވާލުވާ ފަލަސްތީނުގެ ފަންނީ ކޮމިޓީ އަށް މަސައްކަތް ފެށުމަށް ލިބޭ ފުރުސަތެކެވެ.
މިތަނުގައި ސަލާމަތީ ކަންކަން ބަލަހައްޓާނީ ބައިނަލްއަގުވާމީ ލަޝްކަރެއް ކަމަށްވާ "އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް" (އައިއެސްއެފް) އިން ކަމަށްވާއިރު، ހަތިޔާރު ނެތް އާންމުންނަށް މިތަނަށް ވަދެނިކުމެ އުޅުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ބޯޑުން ބުނެ އެވެ. އަދި މި ލަޝްކަރުގައި މޮރޮކޯ، ކޮސޯވޯ، އަލްބޭނިއާ އަދި ކަޒަކިސްތާނުން ބައިވެރިވާއިރު، އިޒްރޭލު ފަޅީގައިވާ އެ މީހުންގެ ސަޕޯޓް ސައިޓްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. މި ސަރަހައްދަށް ހަނގުރާމަވެރިންނާއި ހަތިޔާރުއެޅި މީހުން ވަނުން ހުއްޓުވުމަށް ސްކްރީން ކުރާނީ އައިއެސްއެފް އިން ކަމަށްވާތީ، އިޒްރޭލު ސިފައިންގެ އެއްވެސް ދައުރެއް މިތަނަކު ނޯންނާނެ އެވެ.
Ads by BMLމި ޕްރޮޖެކްޓްގެ ރޭވުންތައް ކުރިއަށްދާއިރު، ޣައްޒާގައި 20 އަހަރު ވެރިކަން ކުރި ހަމާސްއިން ވަނީ އެ މީހުންގެ އިދާރާ އުވާލައިފަ އެވެ. ނަމަވެސް އިޒްރޭލުން މިހާރުވެސް ޣައްޒާގެ 60 ޕަސެންޓަށް ވުރެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާތީ، ޣައްޒާގައި މަސައްކަތްކުރާ ޑިޕްލޮމޭޓުންނާއި ޖަމިއްޔާތަކުން ދަނީ މި މަޝްރޫއަށް ބޮޑު ފާޑުކިޔުމެއް އަމާޒުކުރަމުންނެވެ.
އެ ފަރާތްތަކުން ބުނާގޮތުގައި، މީހުން ވަކި ސަރަހައްދަކަށް ބަންދުކޮށްގެން ގެންގުޅުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު އަދި މަޖުބޫރުން މީހުން ބަދަލުކުރުން ކަމަށް ބެލެވޭނެ ކަމެކެވެ. އަދި މި ރޭވުމަކީ ހަމައެކަނި މަދު ފަލަސްތީނު ބަޔަކަށް ވަގުތީ ހިޔާވަހިކަންދީ، ކުރިއެރުން ލިބޭކަން ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ސިފަކުރެ އެވެ.
މީގެ އިތުރުން، މި ފިޔަވަޅުގެ ސަބަބުން އިޒްރޭލު ސިފައިންނަށް ޣައްޒާގެ އެހެން ސަރަހައްދުތަކުގައި މިނިވަންކަމާއެކު އަސްކަރީ ހަރަކާތްތައް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ދަނީ ބުނަމުންނެވެ.
Ads by MACL
