އަގުއިރޭގެ އިސްތިއުފާއަށްފަހު މެކްސިކޯގެ ހެޑް ކޯޗުކަން ރަފައެލް މާކުއޭޒްއަށް
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން މެކްސިކޯ ކެޓުމާ ގުޅިގެން ހަވިއޭ އަގުއިރޭ މަގާމުން އިސްތިއުފާ ދިނުމުން، އެ ޓީމުގެ އާ ހެޑް ކޯޗަކަށް އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި ރަފައެލް މާކުއޭޒް ވަނީ ހަމަޖައްސާފަ އެވެ.
މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވަނީ، ކުރީގެ ކޯޗު އަގުއިރޭ ފަށާފައިވާ ހަރުދަނާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ މުހިންމު ޒިންމާ ބާސެލޯނާގެ ކުރީގެ އިތުބާރު ޑިފެންޑަރާ ހަވާލުކުރުމަށެވެ.
މެކްސިކޯގެ ކޯޗުކަމުގެ މަގާމު ހުސްވީ، މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުންނެވެ. އެ ނާކާމިޔާބީއާ އެކު، އުމުރުން 67 އަހަރުގެ ތަޖުރިބާކާރު ކޯޗު އަގުއިރޭ ވަނީ މަގާމުން ވަކިވެފަ އެވެ. މެކްސިކޯގެ ޤައުމީ ޓީމަށް ސަރަހައްދީ ތިން ތަށި ހޯދައިދީ، ތިން ފަހަރެއްގެ މަތިން އެ ޓީމަށް އިރުޝާދުދިން އަގުއިރޭ، މި ނިންމުމާއެކު ދެން ފުޓްބޯޅައިން މުޅިން ރިޓަޔާކުރާނެ ކަމަށް ބެލެވެ އެވެ. މުބާރާތުން ކެޓި ނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން މި ފަހަރު މެކްސިކޯއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
Ads by BMLމެކްސިކޯގެ ޓީމާ އަލަށް ހަވާލުވި މާކުއޭޒްއަކީ އެ ޤައުމުގެ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ، ޤައުމީ ޓީމަށް 147 މެޗު ކުޅެދީފައިވާ ލެޖެންޑެކެވެ. އޭނާ ވަނީ ފްރޭންކް ރައިކާޑާއި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ބާސެލޯނާގެ ރަން ދުވަސްވަރު އެ ކްލަބަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
ކުޅުން ހުއްޓާލުމަށްފަހު ކޯޗިން ދާއިރާއަށް ނިކުމެ، ބާސެލޯނާގެ މަޝްހޫރު 'ލަ މަސިއާ' އެކަޑަމީގެ ބީ ޓީމަށް ވެސް މާކުއޭޒް ވަނީ ކުރިން އިރުޝާދު ދީފަ އެވެ.
Ads by MACL
