ޖަރުމަނުގައި ސަލާމް ބުނާ ފުރަތަމަ ދުވަހުވެސް އެމްސީ މަޖުބޫރުކޮށްފި
ޖަރުމަނުގައި މުވައްޒަފުން ސަލާމް ބުނާ ފުރަތަމަ ދުވަހުން ފެށިގެން މެޑިކަލް ސެޓްފިކެޓް (އެމްސީ) ހުށަހެޅުން މަޖުބޫރުވާ ގޮތަށް އެގައުމުގެ ބަލި ޗުއްޓީގެ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
ޗާންސެލަރ ޕްރެޑްރިކް މާރޒްގެ އާ ހުށަހެޅުމުގެ ދަށުން، މުވައްޒަފުން ފޯނުން ބަލި ރިޕޯޓްކުރުން އުވާލައި، ބަލިވާ ފުރަތަމަ ދުވަހުވެސް ޑޮކްޓަރަށް އަމިއްލައަށް ހާޒިރުވެ ސިއްހީ ލިޔުން ހޯދަން ޖެހޭނެއެވެ.
މި ހަރުކަށި އުސޫލުގެ މައިގަނޑު މަގުސަދަކީ ޖަރުމަނުގެ ހީނަރުވެފައިވާ އިގްތިސާދުގައި އުފެއްދުންތެރިކަން އިތުރުކުރުމެވެ. މިއާއެކު، މިހާރު އޮތް ފޯނުން ބަލި ރިޕޯޓްކޮށްގެން ޗުއްޓީ ނެގޭ ނިޒާމު މުޅިން ނިމުމަކަށް އަންނާނެއެވެ.
Ads by BMLޗާންސެލަރ މާރޒް ނޫސްވެރިންނަށް ވިދާޅުވީ، ކުންފުނިތަކުގައި ބަލި ޗުއްޓީ ނަގާ މިންވަރު އިންތިހާއަށް މަތިވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ބަދަލާއެކު ފޯނުން ބަލި ޗުއްޓީ ނެގުން އުވާލައި، ބަލީގެ ވަރަށް ފުރަތަމަ ދުވަހުން ފެށިގެން މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން އޮތް ނިޒާމުގައި މުވައްޒަފުންނަށް ތިން ދުވަހާ ހަމައަށް ފޯނުން ޑޮކްޓަރަށް ގުޅައިގެން ލިޔުން ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރާ އާ އުސޫލުގެ ދަށުން އެއްވެސް ދުވަހަކު ފޯނުން ލިޔުމެއް ނުލިބޭނެއެވެ. އަދި ބަލިވާ ފުރަތަމަ ދުވަހުވެސް ޑޮކްޓަރަށް ޒިޔާރަތްކުރުން މަޖުބޫރުވާނެއެވެ.
މި ބަދަލަކީ ސަރުކާރު ހިންގާ ސީޑީޔޫ، ސީއެސްޔޫ އަދި އެސްޕީޑީ ޕާޓީތަކުން އެއްބަސްވެފައިވާ 34 ކަމެއްގެ އިސްލާހީ ޕެކޭޖްގެ ބައެކެވެ.
މުވައްޒަފުން ފުރަތަމަ ދުވަހުން ފެށިގެން ބަލި ހުރިކަން ސާބިތުކޮށްދޭ ލިޔުން ހުށަހެޅުން މަޖުބޫރުކުރުމުގެ އިތުރުން، މި ޕެކޭޖްގެ ދަށުން ކުންފުނިތަކަށް 2030 ވަނަ އަހަރާ ހަމައަށް އާ މުވައްޒަފުންނަށް 48 މަސް ދުވަހުގެ ފިކްސްޑް-ޓާމް ކޮންޓްރެކްޓް ދިނުމުގެ އިތުރު ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދަށް އާމްދަނީ ލިބޭ އާއިލާތަކަށް ޓެކްސް ލުއި ދިނުމާއި ޕެންޝަން ނިޒާމަށް ބަދަލު ގެނައުން ވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
ޖަރުމަނު ސަރުކާރުން ހާމަކުރި ގޮތުގައި އެ ގައުމަކީ މުޅި ޔޫރަޕްގައި ވެސް އެންމެ ގިނައިން ބަލި ޗުއްޓީ ނަގާ ގައުމެވެ. އަދި ދިގު މުއްދަތަށް މަސައްކަތުން ޣައިރު ހާޒިރުވުމުގެ ސަބަބުން ގައުމުގެ ވާދަވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ޗާންސެލަރ މާރޒް ވިދާޅުވި ގޮތުގައި މިއީ "ހަރުކަށި ނިންމުމެއް" ނަމަވެސް، ގައުމުގެ އިގްތިސާދު އަލުން ފުރޮޅާލުމަށްޓަކައި މިފަދަ ފިޔަވަޅެއް އެޅުން ކޮންމެހެން މުހިންމެވެ.
Ads by MACL
