ޚާމަނާއީގެ ކަށުނަމާދުގައި ތިން ދަރިކަލުން ބައިވެރިވެވަޑައިގެންފި
އީރާނުގެ އަވަހާރަކޮށްލާފައިވާ ރޫޙާނީ މީޑަރު އަޔާތުﷲ ޢަލީ ޚާމަނައީގެ ހަށިކޮޅާއި އޭނާގެ ޢާއިލާގެ ހަތަރު މެންބަރެއްގެ ޖަނާޒާގައި ބޭއްވުނު ކަށުނަމާދުގެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ ތިން ފިރިހެން ދަރިކަލުން ބައިވެރިވެވަޑައިގެންފިއެވެ.
ޚާމަނާއީގެ ހަށިކޮޅު އިއްޔެ ފަސްދާނު ލައިފައިވާއިރު، ތިން ދަރިކަލަކު ބައިވެވަޑައިގެންނެވި ނަމަވެސް އީރާނުގެ އައު ރޫޙާނީ ލީޑަރުގެ ގޮތުގައި އިސްވެވަޑައިގެންނެވި މުޖްތަބާ ޚާމަނައީ މި ރަސްމިއްޔާތުން ފެނިފައެއް ނުވެއެވެ.
ތެހެރާންގެ އިމާމް ޚުމައިނީ ގްރޭންޑް މުސައްލާގެ ބޮޑު ގޯތިތެރޭގައި ބޭއްވުނު ކަށު ނަމާދުގައި ޚާމަނައީގެ ތިން ދަރިކަލުން ކަމަށްވާ މުޞްޠަފާ، މައިސަމް އަދި މަސްޢޫދު ޚާމަނައީ ސަންދޯއްތަކުގެ ފަހަތުގައި ދުޢާކުރައްވަން ތިއްބެވި މަންޒަރު ދައުލަތުގެ ޓީވީން ވަނީ ދައްކާފައެވެ.
Ads by BMLއަޔާތުﷲ ޢަލީ ޚާމަނައީ އާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުން އަވަހާރަވީ މިއަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ޙަމަލާއެއްގައެވެ. މި ޙަމަލާއާ ގުޅިގެން ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގެ ކުރިން ސަރަޙައްދީ ފެންވަރުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އީރާނުގެ އިސްލާމީ އިންގިލާބީ ގާޑްސް (އައި.އާރު.ޖީ.ސީ) ގެ ތާއީދާއެކު އެޤައުމުގެ ސަރުކާރު އަދިވެސް އޮތީ ގަދަކޮށެވެ.
ޚާމަނައީގެ ވަދާޢީ ޙަރަކާތްތައް އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާއިރު، އޭނާގެ ހަށިކޮޅު އަވަށްޓެރި ޢިރާޤުގެ ޝީޢީންގެ މުޤައްދަސް ބައެއް ބިނާތަކަށްވެސް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އައު ރޫޙާނީ ލީޑަރު މުޖްތަބާ ޚާމަނައީ ޖަނާޒާއިން ފެނިފައިނުވާއިރު، ފެބްރުއަރީ މަހުގެ ޙަމަލާގައި އޭނާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. އޭނާގެ މޫނުމަތީގެ ބައެއް ސިފަތަކަށް ބަދަލު އައިސް، ފައިގެ ހުޅުތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާގެ ގާތް ފަރާތްތަކުން މަޢުލޫމާތުދެއެވެ. ޖަނާޒާގެ ރަސްމިއްޔާތަށް ހާޒިރުވި ގިނަ ބަޔަކު އައު ލީޑަރު ފެންނާނެ ކަމަށް އުއްމީދު ކުރި ނަމަވެސް، އެ ފުރުޞަތު ލިބިފައެއް ނުވެއެވެ.
ހަތަރު މަސް ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމައިގައި އީރާނުގެ އިސް ސިޔާސީ އަދި އަސްކަރީ ގިނަ ވެރިންތަކެއް ހިމެނޭހެން 3،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި އީރާނުގެ އަސްކަރީ މަރުކަޒުތަކާއި އިންފްރާސްޓްރަކްޗާއަށް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ނަމަވެސް، އީރާނުން ވަނީ ސަރަޙައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ޙަމަލާދީ، ހޯރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދާފައެވެ.
މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގުތައް އުފުލިގެން ދިއުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުލްހައިގެ އެއްބަސްވުމަކަށް އަވަސްވެގަތް ސަބަބެއް ކަމަށް ވެއެވެ. އައު އެއްބަސްވުމުގެ ދަށުން އީރާނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ލުއިތަކެއް ލިބި، ހިފަހައްޓާފައިވާ ބިލިއަން ޑޮލަރުގެ ފައިސާ ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.
ޚާމަނާއީގެ މައްޗަށް ކުރި ކަށުނަމާދުގެ ސަފުތަކުގައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އާއި ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަށް ތެހެރާންގެ މެދުތެރެއަށް މިލިއަނަކަށްވުރެ ގިނަ މީހުން ޖަމާވި ކަމަށް ރިޕޯޓުތައްބުނެއެވެ.
Ads by MACL
