އެމްބާޕޭ އާއި ޑެމްބެލޭގެ ލަނޑުތަކުން މޮރޮކޯ ބަލިކޮށް، ފްރާންސް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް!
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ ކުއާޓާ ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް، ވަރުގަދަ ފްރާންސުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
މި މުހިންމު ކާމިޔާބީއާއެކު ފްރާންސް މިވަނީ ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕްގައި ސެމީ ފައިނަލަށް ދަތުރުކޮށް، ދުނިޔޭގެ ފުޓްބޯޅައިގައި އެގައުމުގެ ވަރުގަދަކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފްރާންސުން މެޗު ކޮންޓްރޯލްކޮށް، މޮރޮކޯގެ ދިފާއަށް ބާރުބޮޑު ކުރަމުންދިޔައިރު، މޮރޮކޯއަށް ފުރަތަމަ ހާފުގައި ފްރާންސްގެ ގޯލަށް އެއްވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މި ހާފުގެ 28 ވަނަ މިނެޓުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް، ވީއޭއާރް ބެލުމަށްފަހު ފްރާންސަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް އެމްބާޕޭ ފޮނުވާލި މި ޕެނަލްޓީ، މޮރޮކޯގެ ހުޝިޔާރު ގޯލްކީޕަރު ޔާސީން ބޫނޫ ވަނީ ދިފާއުކޮށްފައެވެ.
Ads by BMLފްރާންސުން މެޗުގެ ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން 60 ވަނަ މިނެޓުގައެވެ. މި ލަނޑު އެގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކީލިއަން އެމްބާޕޭއެވެ. އޭނާ މި ލަނޑު ޖެހީ މޮރޮކޯގެ ދިފާއީ ކުޅުންތެރިން ކައިރިން ނުހަނު ހުޝިޔާރުކަމާއެކު ނައްޓާލުމަށްފަހު، އޭރިއާ ރޮނގުމަތިން ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. މި ލަނޑަށްފަހު ފްރާންސުން ކުޅުން އިތުރަށް ވަރުގަދަކުރިއެވެ.
ފްރާންސްގެ ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ އޮސްމާން ޑެމްބެލޭއެވެ. މިއީ ފުރަތަމަ ލަނޑު ޖެހި އެމްބާޕޭ ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ޑެމްބެލޭ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ފްރާންސުން މެޗުގެ ކާމިޔާބީ ދިފާއުކުރިއިރު، މެޗުގެ 75 ވަނަ މިނެޓުގައި އެމްބާޕޭގެ ފަޔަށް ކުޑަ އަނިޔާއެއް ލިބުމުގެ ސަބަބުން އޭނާ ވަނީ ދަނޑުން ބާލާފައެވެ. ބަދަލުކުރިފަހުން ބެންޗުގައި އިންއިރު އޭނާގެ ފަޔަށް އައިސްޕެކް އަޅާފައި ހުއްޓެވެ.
މި މެޗުގައި ޖެހި ލަނޑާއެކު އެމްބާޕޭ ވަނީ މި ފަހަރުގެ މުބާރާތުގައި 8 ލަނޑު ހަމަކޮށް، ރަންބޫޓުގެ ރޭހުގެ ކުރީގައި އުޅޭ ލިއޮނަލް މެސީއާ އެއްވަރުވެފައެވެ. އަދި އޭނާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ކުޅުނު 20 މެޗުން 20 ލަނޑު ހަމަކުރި ކުޅުންތެރިޔަކަށެވެ. މީގެއިތުރުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި 20 މެޗުން މޮޅުވި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދާފައެވެ.
މި ބައްޔާއެކު، މޮރޮކޯއިން ބައިނަލްއަގުވާމީ މައިދާނުގައި ބަލިނުވެ ދަމަހައްޓަމުން އައި 34 މެޗުގެ ދިގު ސިލްސިލާއަށް ވަނީ ނިމުން އައިސްފައެވެ. މޮރޮކޯގެ މުހިންމު ފޯވާޑް އިސްމާއިލް ސައިބާރީ އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެފައެއް ނުވެއެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސް ދެން ބައްދަލުކުރާނީ ސްޕެއިން ނުވަތަ ބެލްޖިއަމްގެ ތެރެއިން މޮޅުވާ ގައުމަކާއެވެ.
އެ މެޗު އޮންނާނީ އަންނަ ޖުލައި މަހުގެ 14 ވާ އަންގާރަ ދުވަހު ޓެކްސަސްގެ އާލިންގްޓަންގައެވެ.
Ads by MACL
