ޤުރްއާން ކިޔެވުމަކީ ނަފުސާއި ޖިސްމަށް ލިބޭ ޝިފާއެއް: ހުކުރު ޚުތުބާ
ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގެ މާނައާ މެދު ވިސްނާ ފިކުރުކުރުމަކީ އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމާއި، ރޫޙާނީ އަދި ނަފުސާނީ ދިރުމާ ސީދާ ގުޅިފައިވާ ކަމެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
"ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބަޔާންކޮށްފައިވަނީ، އެ ފޮތަކީ އިންސާނާގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ، ބާއްޖަވެރިކަމާއި ކާމިޔާބީގެ އަސްލު ކަމަށެވެ.
މި މާތް ފޮތް ކިޔަވައި، އޭގެ އިރުޝާދުތަކަށް ޢަމަލުކުރާ މީހުންނަށް އާޚިރަތް ދުވަހުން ލިބޭނެ މަތިވެރި ނިޢުމަތްތަކަށް އަލިއަޅުވައިލަމުން ޚުތުބާގައި ބުނީ، ޤިޔާމަތް ދުވަހު ޤުރްއާން އެމީހަކަށް ޝަފާޢަތްތެރިވާނެ ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކާ ޙަވާލާދީ، ޤުރްއާނުގެ އެންމެ އަކުރެއް ކިޔެވި ކަމުގައި ވިޔަސް، އެއިން ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ޘަވާބު އިތުރުވެގެންދާނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
Ads by BMLހިތުގެ ދިރުމާއި ހަށިގަނޑުގެ ބާރާ ހުރި ގުޅުން ބަޔާންކުރުމަށްޓަކައި، އިމާމް އިބްނުލް ޤައްޔިމްގެ ބަސްފުޅަކަށް ޚުތުބާގައި ރިއާޔަތްކުރިއެވެ. ހަށިގަނޑަށް ލިބޭ ހަކަތައާއި ދުޅަހެޔޮކަމަކީ ހިތުގެ ވަރުގަދަކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ޤުރްއާނަކީ ހިތްތަކުގެ ބަލިތަކަށް އޮތް އެންމެ ބޮޑު ޝިފާ ކަމުގައި ވުމުން، އޭގެ ސަބަބުން ނަފުސާނީ އަދި ޖިސްމާނީ ދިރުން އިންސާނާއަށް ލިބިގެންދާނެ ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
މީގެ އިތުރުން، ޤުރްއާން ތިލާވަތުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެ، އެބޭކަލުންގެ ހެޔޮ ދުޢާ އެމީހަކަށް ލިބޭނެކަން ޚުތުބާގައި ބުންޏެވެ. އަދި އެކަމުގެ ސަބަބުން ޝައިޠާނާގެ ވަސްވާސްތަކާއި ނުބައިކަމުން ރައްކާތެރިކަން ލިބި، މާތް ﷲގެ ތަނަވަސްވެގެންވާ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެމީހަކަށް މިންވަރުކުރައްވާނެއެވެ.
ޚުތުބާ ނިންމާލަމުން ވަނީ، ޤުރްއާން ކިޔެވުމުގައި ފަރިތަ މީހުންނާއި، އުނދަގުލާއެކު ދަސްކުރަމުން ކިޔަވާ މީހުންނަށް ވެސް މާތް ﷲގެ ޙަޟުރަތުން ބޮޑުވެގެންވާ ދަރުމައާއި ޘަވާބު ލިބޭނެކަން ހަނދާންކޮށްދީފައެވެ.
އެހެންކަމުން، ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެޔޮކަމެއް ލިބުން އޮތީ އެ މުޤައްދަސް ފޮތުގައި ބާރަށް ހިފަހައްޓައިގެން ކަމަށް މުޖުތަމަޢަށް ނަސޭހަތްތެރިވިއެވެ.
Ads by MACL
