ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ލީބިއާގެ ދާޚިލީ ހަމަނުޖެހުންތައް ނައްތާލަން ޕާކިސްތާނުން މެދުވެރިއެއްގެ ރޯލު އަދާކުރަނީ

ލީބިއާގެ ދާޚިލީ ހަމަނުޖެހުންތައް ނައްތާލަން ޕާކިސްތާނުން މެދުވެރިއެއްގެ ރޯލު އަދާކުރަނީ

​ލީބިއާގައި އުފެދިފައިވާ ސިޔާސީ ބައިބައިވުންތަކަށް ނިމުމެއް ގެނެސް، އެ ގައުމު އަލުން އެއްބައިވަންތަކުރުމަށްޓަކައި ޕާކިސްތާނުން އިސްނަގައިގެން ޚާއްސަ މެދުވެރިއެއްގެ ދައުރު އަދާކުރަން ފަށާފައިވާކަން ބައިނަލްއަގުވާމީ މީޑިއާތަކުން ހާމަކޮށްފިއެވެ.

ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ޕާކިސްތާނުގެ ސަރުކާރުގެ ދެ މަސްދަރަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، މި އާ ދައުރުގެ ދަށުން ލީބިއާގެ އިރުމައްޗާއި ހުޅަނގުގައި ވެރިކަންކުރާ ވާދަވެރި ދެ ސަރުކާރު ސުލްހައިގެ މޭޒަކަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

އިސްލާމްއާބާދުން އިސްވެ ފަށާފައިވާ މި ސުލްހައިގެ މަޝްވަރާތަކަކީ ލީބިޔާގެ ދެ ފަރާތުގެ ވެސް އެދުމުގެ މަތިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދާ ސިއްރު މަސައްކަތްތަކެކެވެ.

މި ހަރަކާތްތަކަށް ސައުދީ އަރަބިއްޔާގެ ފުރިހަމަ ތާއީދު ލިބިފައިވާއިރު، އެމެރިކާގެ ބައިވެރިވުމާ އެކު މި މަރުހަލާ ކުރިއަށްދާކަން އެ ގައުމަށް ވެސް ރަނގަޅަށް އެނގޭ ކަމަށް މަސްދަރުތަކުން ބުނެއެވެ.

​މި ސުލްހައިގެ އާ ފިޔަވަޅަކީ އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ޕާކިސްތާނުން ކުރަމުންދާ ސަރަހައްދީ ސުލްހައިގެ މަސައްކަތްތަކާ ވެސް ސީދާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

​މި މަޝްވަރާތަކުގެ ތެރެއިން ރޮއިޓާސްއަށް ލިބިފައިވާ 36 މަސްދުވަހުގެ އިންތިގާލީ ޕްލޭނެއްގައިވާ ގޮތުން، ލީބިއާގައި ދެ ފަރާތް ހިއްސާވާ ގައުމީ އެއްބައިވަންތަކަމުގެ އާ ސަރުކާރެއް އެކުލަވާލަން ވަނީ ރޭވިފައެވެ. އެގޮތުން ހުޅަނގުގެ ބޮޑުވަޒީރު އަބްދުލްހަމީދު ދުބައިބާ މަގާމުގައި ދެމިހުންނަވާއިރު، އިރުމަތީގެ އަސްކަރީ ކޮމާންޑަރު ސައްދާމް ހަފްތަރަށް ރިޔާސީ ކައުންސިލްގެ ރައީސްކަން ދިނުމަށް ވަނީ ހުށަހެޅިފައެވެ. މީގެ އިތުރުން، ގައުމުގެ ބަޖެޓް ކަނޑައެޅުމުގެ މުހިންމު ބާރުތައް ވެސް ހަފްތަރަށް ދިނުމަށް މި ރޭވުމުގައި ހިމެނެއެވެ.

ޕާކިސްތާނުގެ މަސްދަރަކުން ކަށަވަރުކޮށްދޭ ގޮތުގައި، މި އެއްބަސްވުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އިސްލާމްއާބާދުން ހަރަކާތްތެރި ބާރެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. ނަމަވެސް ބައެއް ނާޒުކު ތަފްސީލުތަކާ މެދު ދެ ފަރާތުގެ މެދުގައި އަދިވެސް އިތުރަށް ބަހުސް ކުރެވެމުންދާކަން އެ ގައުމުން ފާހަގަކުރެއެވެ.

​ސިޔާސީ މުރާސިލުން ދެކޭގޮތުގައި، ލީބިއާގެ މި ދިގުލީ މައްސަލައަށް ހަގީގީ ހައްލެއް ލިބޭނީ ހަމައެކަނި މަގާމުތަކުގެ އިތުރުން، ގައުމީ އިންތިހާބުތައް ބޭއްވުމާއި ތެލުގެ އާމްދަނީ އިންސާފުވެރިކަމާއެކު ބެހުމާ މެދު އުފެދިފައިވާ ބޮޑެތި ޚިޔާލުތަފާތުވުންތަކަށް އެއްބަސްވުމަކަށް އާދެވިގެންނެވެ.

ލީބިޔާގެ މަސްރަހުގައި ޕާކިސްތާނަކީ ކުރިން ބާރުގަދަ ގައުމެއްގެ ގޮތުގައި ނުބެލެވުނު ނަމަވެސް، ވާދަވެރި ދެ ފެކްޝަނާ އެކު ވެސް ބާއްވާ ހަމަހަމަ ގުޅުމުގެ ސަބަބުން، މި ބައިބައިވުން ނައްތާލުމުގައި އެ ގައުމަކީ އިތުބާރު ހުރި އަދި ނަތީޖާ ނެރެދެވޭނެ ފަދަ މެދުވެރިއަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ގަބޫލުކުރެއެވެ.