ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޕާކިސްތާނަށް ފޮނުވި ރެމިޓެންސް ރެކޯޑު އަދަދަކަށް އަރައި، އެކްސްޕޯޓް އާމްދަނީއަށްވުރެ މަތިވެއްޖެ

ޕާކިސްތާނަށް ފޮނުވި ރެމިޓެންސް ރެކޯޑު އަދަދަކަށް އަރައި، އެކްސްޕޯޓް އާމްދަނީއަށްވުރެ މަތިވެއްޖެ

ނިމިދިޔަ 2025-2026 މާލީ އަހަރު ޕާކިސްތާނުގެ ރައްޔިތުން އެގައުމަށް ފޮނުވި ފައިސާ ނުވަތަ ރެމިޓެންސް 41.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރައި، އާ ތާރީޚީ ރެކޯޑެއް ގާއިމުކޮށްފިއެވެ. މިއީ އެ ގައުމުގެ މަރުކަޒީ ބޭންކް، ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ގައުމުގެ ޖުމްލަ އެކްސްޕޯޓް އާމްދަނީއަށްވުރެ ވެސް އިތުރު އަދަދެކެވެ.

ޖޫން 30 ގެ ނިޔަލަށް ނިމުނު މާލީ އަހަރުގެ މި އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8.6 އިންސައްތައިގެ ކުރިއެރުމެކެވެ. 2024-2025 މާލީ އަހަރު ޕާކިސްތާނަށް ރެމިޓެންސްގެ ގޮތުގައި ލިބިފައިވަނީ 38.3 ބިލިއަން ޑޮލަރެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ކުރިއެރުން ކުޑަކޮށް މަޑުޖެހުނު ނަމަވެސް، މިހާތަނަށް ގައުމަށް ލިބުނު އެންމެ މަތީ އަދަދެވެ.

ޕާކިސްތާނުގެ ފައިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ޚުއްރަމް ޝެހްޒާދު ވިދާޅުވީ، މިއީ ގައުމުގެ އިގްތިސާދަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ބޭރުގައުމުތަކުގައި އުޅޭ ޕާކިސްތާނުގެ ރައްޔިތުންގެ ސަބަބުން ގައުމުގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވެ، އިގްތިސާދީ ދުވެލި ރަނގަޅުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު އެންމެ ގިނައިން ފައިސާ ފޮނުވާފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ. އެއީ 829.6 މިލިއަން ޑޮލަރެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ފޮނުވީ ޔޫއޭއީން ކަމަށްވާއިރު، އިނގިރޭސިވިލާތާއި، އެމެރިކާ، އިޓަލީ އަދި އޮމާން ފަދަ ގައުމުތަކުން ވެސް ގިނަ އަދަދެއްގެ ފައިސާ ފޮނުވާފައިވެއެވެ.

މި ފައިސާގެ ސަބަބުން ޕާކިސްތާނުގެ 40 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ޑެފިސިޓް ފޫބެއްދުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ. މިދިޔަ މާލީ އަހަރު ޕާކިސްތާނަށް އެކްސްޕޯޓްކޮށްގެން ލިބިފައިވަނީ 30.1 ބިލިއަން ޑޮލަރު ކަމަށްވުމުން، ގައުމުން ބޭރުގައި އުޅޭ މަސައްކަތްތެރިން ފޮނުވާ ފައިސާއަކީ އެގައުމުގެ ބޭރުގެ ދަރަނިތަކާއި ވިޔަފާރީގެ ބެލެންސް ހިފެހެއްޓުމަށް އޮތް އެންމެ ބޮޑު ވަސީލަތް ކަމުގައި ވަނީ ވެފައެވެ.