އައު ވައްތަރެއްގެ މުތްތަކެއް ހުރި ހޮހަޅައެއް ވިއެޓްނާމުން ފެނިއްޖެ
ވިއެޓްނާމުގެ ފޮންގް ނާ-ކެ ބާންގް ނެޝަނަލް ޕާކުގެ ހިރިކަލުގެ ފަރުބަދަތަކުގެ ތެރެއިން ޖިއޮލޮޖިކަލް ގޮތުން ބަލާއިރު ވަރަށް މުހިންމު އައު ހޮހަޅައެއް ސައިންސްވެރިން ހޯދައިފިއެވެ. "ނަސްރުގެ ހޮހަޅަ" ގެ މާނަ ދޭހަވާގޮތަށް "ތަންގް ކޭވް" ގެ ނަމުން ނަންދެވިފައިވާ މި ހޮހަޅައިގެ ތެރެއިން، ހާސް އަހަރުން އުފެދޭ ނާދިރު " މުތްތައް" ނުވަތަ ލޯޖެހި ވަށްކޮށް ހުންނަ މަޢުދަނީ އުފެދުންތަކެއް ވަނީ ފެނިފައެވެ.
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ބޮޑު ނެޝަނަލް ޕާކަކީ ކުރިންވެސް ފުޅާ ހޮހަޅަތަކާއި، ބިމުގެ އަޑީގެ ކޯރުތަކުގެ އިތުރުން ހިރިކަލުގެ ތަފާތު އަޖައިބުތަކަށް މަޝްހޫރު ތަނެކެވެ. އަލަށް ފެނުނު ހޮހަޅައިގެ ތެރޭގައި ވަރަށް ބޮޑެތި ކޮޓަރިތަކެއް ފަދަ ހުސްޖާގަތަކާއި، މަތިން ތިރިއަށް އެލިފައި ހުންނަ ސްޓަލެކްޓައިޓްސް އާއި، ބިމުން މައްޗަށް ހެދިފައި ހުންނަ ސްޓަލެގްމައިޓްސްގެ އިތުރުން މިލިއަނެއްހާ އަހަރުން އުފެދިފައިވާ ތަފާތު މަޢުދަނީ އުފެދުންތައް ހުރިކަން ސައިންސްވެރިން ފާހަގަކުރެއެވެ.
މި ހޮހަޅައިން ފެނުނު އެންމެ ޚާއްޞަ އެއްޗަކީ އެތަނުން ފެނުނު ހޮހަޅަ މުތްތަކެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދޮން ހުދުކުލައެއްގައި ހުރި މި މުތްތައް ހުރީ ޠަބީޢީ ގަލުގެ ތަށިތަކެއްގެ ތެރޭގައި ވަރަށް ގިނަ ޢަދަދަކަށް ޖަމާވެފައެވެ.
Ads by BMLމިފަދަ މުތްތަކަކީ މަޢުދަނީ މާއްދާތައް އެކުލެވޭ ފެނުގެ ތެރޭގައި ހުންނަ ކުދި ޒައްރާ ބައިތަކެއްގެ ވަށައިގެން ކެލްސިއަމް ކާބަނޭޓްގެ ތުނި ފަށަލަތައް މިލިއަނުން އަހަރުތަކެއް ވަންދެން ޖަމާވެގެން އުފެދޭ އެއްޗެހިތަކެކެވެ. ލައިމްސްޓޯން ހޮހަޅަތަކުން މިފަދަ މުތް ފެނުނު ނަމަވެސް، މިހާ ގިނަ ޢަދަދަކަށް އެއް ތަނަކުން ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ސައިންސްވެރިން ވިދާޅުވާ ގޮތުގައި މި މުތްތައް މިހާ ގިނައިން ފެނުމުން އެނގެނީ މި ހޮހަޅައިގެ ތެރޭގައި ވަރަށް ދިގު މުއްދަތެއް ވަންދެން ބިމުގެ އަޑީގެ ފެނުގެ ނިޒާމާއި ޖިއޮލޮޖީ އެއްވެސް ބަދަލެއް ނެތި ސާބިތުކަމާއެކު ދެމިއޮތް ކަމެވެ. އަދި ވިއެޓްނާމުގެ ބިމުގެ އަޑީގައި އަދިވެސް އިންސާނުންނަށް ނުފެނި ކިތަންމެ ސަރަހައްދެއް ހުރިކަން މި ހޯދުމުން ހާމަވެގެންދެއެވެ. މިފަދަ ކޮންމެ ހޯދުމަކުން ކާސްޓް ބިންތައް އުފެދޭ ގޮތާއި، ބިމުގެ އަޑީގެ ދިރުންތަކާ ބެހޭ ގޮތުން އަގުހުރި މައުލޫމާތުތަކެއް ލިބިގެންދެއެވެ.
މިފަދަ ނާޒުކު ތަންތަން ރައްކާތެރިކުރުމުގެ މުހިންމުކަން ވެސް މި ހޯދުމާއެކު ދުނިޔެއަށް ވަނީ ހާމަވެފައެވެ.
ތިމާވެއްޓަށް އަންނަ ކުޑަ ބަދަލަކުން ވެސް ހާސް އަހަރުން އުފެދިފައިވާ މި އަގުހުރި މަޢުދަނުތައް ހަލާކުވެދާނެތީ، މި ހޮހަޅައަށް ގެއްލުން ނުލިބޭނެ ގޮތަކަށް އިތުރު ދިރާސާތައް ކުރުމަށް ސައިންސްވެރިން ދަނީ ތައްޔާރުވަމުންނެވެ.
Ads by MACL
