ވޯލްޑް ކަޕް ފޯރީގައި ބަންގްލަދޭޝް ލޭއޮހޮރުވުމަކަށް: 12 މީހުން މަރުވެއްޖެ
ފީފާ ވޯލްޑް ކަޕާ ދިމާކޮށް ބަންގްލަދޭޝްގައި އުފެދިފައިވާ ފުޓްބޯޅަ ފޯރި ބޮޑުވެ، ސަޕޯޓަރުންގެ މެދުގައި ހިނގި އެކި މާރާމާރީތަކާއި ނުރައްކާތެރި އެކްސިޑެންޓްތަކުގައި މަދުވެގެން 12 މީހަކު މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ހިތާމަވެރި ހާދިސާތައް ގިނައިން ހިނގާފައިވަނީ ބަންގްލަދޭޝްގައި އެންމެ ސަޕޯޓަރުން ގިނަ ބްރެޒިލް އާއި އާޖެންޓީނާގެ ސަޕޯޓަރުންގެ މެދުގައި އުފެދުނު ދެބަސްވުންތަކާ ގުޅިގެންނެވެ.
ފުލުހުންނާއި މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މެޗުތަކުން ބަލިވާ ޓީމުތަކަށް މަލާމާތްކުރުމުގެ ސަބަބުން އުފެދުނު ޒުވާބުތައް ބޮޑެތި މާރާމާރީތަކަށް ބަދަލުވެ، ބައެއް މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އެގޮތުން އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗަށްފަހު ހިނގި ވަރުގަދަ ޒުވާބެއްގައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާކޮށް، ތަޅާ މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by BMLމިފަދަ ހަމަނުޖެހުންތަކުގެ އިތުރުން، ޓީމުތަކަށް ސަޕޯޓްކުރުމުގެ ގޮތުން ބޮޑެތި ދިދަތައް ހަރުކުރަން އުޅުމުގެ ތެރޭގައި ވެސް ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ދިދަ ހަރުކުރަނިކޮށް ހައި-ވޯލްޓޭޖް ކަރަންޓުލައިނުތަކުގައި ޖެހިގެން ތިން ޒުވާނަކު މަރުވެފައިވާއިރު، ޓީމުތައް މޮޅުވުމުން އުފާފާޅުކުރުމަށް ބޭއްވި ވެހިކަލްބުރުތަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގައި ވެސް މީހުން ވަނީ މަރުވެފައެވެ.
މި ހާދިސާތަކާ ގުޅިގެން ޑާކާ މެޓްރޯޕޮލިޓަން ފުލުހުން މިހާރު ވަނީ ބޮޑު ސްކްރީންތަކުގައި މެޗު ދައްކާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރު އަމީނުލް ހައްގު ވަނީ، ވޯލްޑް ކަޕަކީ ހަމައެކަނި އުފާވެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތެއްގެ ގޮތުގައި ބޭއްވުމަށާއި، މިފަދަ ލޭއޮހޮރުވުންތައް ވަގުތުން ހުއްޓާލުމަށް ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
އަނެއްކޮޅުން ޑާކާގެ އަދާބަރު ސަރަހައްދުގައި ބްރެޒިލް މޮޅުވުމުން އުފާފާޅުކުރި ޒުވާނުންތަކެއްގެ މެދުގައި ހިނގި ޒުވާބެއް ހުއްޓުވަން އުޅުނު ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅެއް ކަމަށްވާ އަބުލް ބަޝާރު ބާދްޝާ ވެސް ވަނީ މަރާލާފައެވެ. ފުލުހުން މިހާރު ވަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ 10 މީހަކު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، އާޖެންޓީނާ އާއި މިސްރުގެ މެޗުގައި ލިއޮނަލް މެސީގެ ޕެނަލްޓީ ނާކާމިޔާބުވުމުން ހިނގި ޒުވާބެއްގައި ޒުވާނެއްގެ ގައިގައި ތަޅައި މަރާލި މައްސަލައާ ގުޅިގެން ވެސް ފުލުހުން ދަނީ ބަޔަކު ހޯދަން ހާއްސަ ރެއިޑްތަކެއް ހިންގަމުންނެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް މުބާރާތުގައި ވެސް މިފަދަ ފުޓްބޯޅަ ވާދަވެރިކަމުގެ ސަބަބުން ބަންގްލަދޭޝްއިން 23 މީހުން މަރުވެފައިވާކަން އެ ގައުމުގެ ރެކޯޑްތަކުން ދައްކައެވެ.
Ads by MACL
