އެމެރިކާގައި ގޫގުލްގެ އިސް ވެރިއަކަށް ހުރި އިންޑިއާ ދަރިކޮޅުގެ އަންހެނަކަށް ފިރިމީހާ ބަޑިން ހަމަލާދީ މަރާލައިފި
އެމެރިކާގެ ޖޯޖިއާ ސްޓޭޓްގައި ގޫގުލްގެ ސީނިއާ އެގްޒެކެޓިވްއެއްގެ މަގާމުގައި ހުރި އިންޑިއާ ދަރިކޮޅުގެ އަންހެނަކަށް އޭނާގެ ފިރިމީހާ ބަޑިން ހަމަލާދީ މަރާލައިފިއެވެ. މި ހާދިސާގައި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅަށްވެސް ބަޑީގެ ހަމަލާ އަމާޒުވެ، ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 56 އަހަރުގެ ކާރކް ބީ. ރެޒީން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެޓްލާންޓާ ކައިރީގައިވާ ކޮބް ކައުންޓީގައި ހުންނަ އެމީހުންގެ ގޭގެ ތެރެއިން އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭނާ މިހާރު ހުރީ ކޮބް ކައުންޓީ އެޑަލްޓް ޑިޓެންޝަން ސެންޓަރުގައި ކަފާލާތުގެ ފުރުސަތެއް ނެތް ގޮތަށް ބަންދުގައެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 57 އަހަރުގެ ޝީތަލް ރެޒީން އެވެ. ގޭތެރޭގައި ހިނގި ގެވެށި އަނިޔާގެ މި ހާދިސާގެ ރިޕޯޓު ލިބިގެން ފުލުހުން އެގެއަށް ދިޔައިރު، ޝީތަލް އޮތީ ބަޑީގެ ހަމަލާތަކެއް ލިބި ވަރަށް ބޮޑަށް ޒަހަމްވެފައެވެ. އަދި އޭނާ މަރުވީ ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށެވެ.
މި ހާދިސާގައި ޒަހަމްވި އެމީހުންގެ އުމުރުން 23 އަހަރުގެ ފިރިހެން ދަރިފުޅު ޖޭސަން ރެޒީން ފެނިފައިވަނީ ގޭގެ ބޭރުންނެވެ. އޭނާއަށް ބަޑީގެ ހަމަލާއެއް އަމާޒުވެފައިވާއިރު، އިމަޖެންސީ ފަރާތްތަކުން ވަނީ އޭނާ ފަރުވާއަށްޓަކައި ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ކާރކްގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ނުރައްކާތެރި ހަމަލާދިނުމުގެ ދެ ދައުވާއެއްގެ އިތުރުން ކުށެއް ކުރުމުގައި ހަތިޔާރު ގެންގުޅުމުގެ ދެ ދައުވާއެއް އުފުލާފައެވެ. ފުލުހުން ބުނާ ގޮތުގައި މިއީ ގެވެށި އަނިޔާގެ މައްސަލައެއް ކަމަށާއި، މިކަމުގެ ސަބަބުން އާންމުންނަށް އެއްވެސް ނުރައްކަލެއް ނެތް ނަމަވެސް، މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.
މަރުވި ޝީތަލް އަކީ ޓެކްނޮލޮގީގެ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ އޮތް، ގޫގުލްގެ އިންޖިނިއަރިން ލީޑަރެކެވެ. އޭނާ ގޫގުލްއާ ގުޅުމުގެ ކުރިން ހޯމް ޑިޕޯގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭނާއަކީ ދެ ސޮފްޓްވެއާ ޕޭޓަންޓެއްގެ ވެރިއެއްވެސް މެއެވެ.
އިނގިރޭސިވިލާތާއި، އިންޑިއާ އަދި ގާނާގައި ބޮޑުވި ޝީތަލްއަކީ ޖޯޖިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮގީގެ އެލުމްނާއި އެސޯސިއޭޝަންގެ ބޯޑު މެންބަރެއްވެސް މެއެވެ.
Ads by MACL
