އަންދްރަޕްރަދޭޝްގައި ކޮވިޑް ފެތުރި ދެ މީހަކު މަރުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި
އިންޑިއާގެ އަންދްރަޕްރަދޭޝް ސްޓޭޓްގެ ކަޑަޕާ ސަރަހައްދުން ކޮވިޑް-19 ގެ އާ ކޭސްތަކެއް ފެނި، ބަލީގައި ދެ މީހަކު މަރުވުމާ ގުޅިގެން އެ ސަރަހައްދުގެ ސިއްހީ އިދާރާތައް ސަމާލުކަމަށް އައިސް ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. ބަލިމަޑުކަން އަލުން ފެތުރެން ފެށުމާއެކު މުޅި ސްޓޭޓްގެ ސިއްހީ ނިޒާމު ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
މި ބަލީގައި ފުރަތަމަ މަރުވެފައިވަނީ ހުމާއި ކެއްސުމުގެ އަލާމާތްތަކެއް ހުރެގެން ވެއްލޫރުގެ ކްރިސްޓިއަން މެޑިކަލް ކޮލެޖް (ސީއެމްސީ) ގައި ފަރުވާ ދެމުންދިޔަ އުމުރުން 52 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ކޮވިޑަށް ޓެސްޓުކޮށް ފައްސިވި ފަހުންނެވެ. އޭގެ އިތުރުން، ސިއްހީ އެކި މައްސަލަތަކަށް ސަރުކާރުގެ ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ 43 އަހަރުގެ އެހެން ފިރިހެނަކު ވެސް ވަނީ ކޮވިޑްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.
މިހާތަނަށް އެ ސަރަހައްދުން ޖުމްލަ އަށް މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ކަޑަޕާ މެޑިކަލް ކޮލެޖުގެ އުމުރުން 25 އަހަރުގެ ދަރިވަރަކު ވެސް ހިމެނެއެވެ. އެ ދަރިވަރު މިހާރު ހުރީ ގޭގައި އެކަހެރިކޮށްފައެވެ. މި ބަލި ފެތުރެމުންދާ ގޮތާއި އޭގެ އާ ވޭރިއަންޓެއް އުޅޭތޯ ދެނެގަތުމަށްޓަކައި، ބަލިޖެހުނު މީހުންގެ ސުންކުތައް (samples) މިހާރު ވަނީ ޕޫނޭގައި ހުންނަ ލެބޯޓްރީއަކަށް ޖީނޯމް ސީކުއެންސިން ހެދުމަށް ފޮނުވާފައެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން އަންދްރަޕްރަދޭޝްގެ ޑިސްޓްރިކްޓް އިން-ޗާޖް މިނިސްޓަރު ސަވިތާ ވަނީ ކަޑަޕާގައި ބަލި ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. އެގޮތުން ހޮސްޕިޓަލްތަކާއި މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކުރުމަށާއި، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ވަގުތުން ފެށުމަށް ޑިސްޓްރިކްޓް ކަލެކްޓަރަށާއި ސިއްހީ އިސްވެރިންނަށް މިނިސްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ.
ހަމައެއާއެކު، ބަލީގެ އަލާމާތްތައް ހުންނަ މީހުން ހޯދައި އެކަހެރިކުރުމުގެ މަސައްކަތުގެ އިތުރުން، ބަލި ފެނުނު ސަރަހައްދުތައް ސާފުކޮށް ޑިސްއިންފެކްޓް ކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. އަދި ބަލިޖެހުނު މީހުންގެ އާއިލާތައް ޓެސްޓުކޮށް، ފައްސިވާ މީހުން ހޮސްޕިޓަލްތަކުގެ އެކަހެރިކުރާ ވޯޑުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މި ކުއްލި ހާލަތާ ގުޅިގެން މުޅި ސްޓޭޓްގެ ހޮސްޕިޓަލްތަކުގައި އެކަހެރިކޮށް ފަރުވާދޭނެ އެނދުތަކާއި ބޭނުންވާ މެޑިކަލް ސަޕޯޓްތައް ތައްޔާރުކޮށްފައި ބެހެއްޓުމަށް ސިއްހީ އިދާރާތަކުން ވަނީ އަންގާފައެވެ. ސިއްހީ މާހިރުން އާންމުންގެ ކިބައިން އެދިވަޑައިގަންނަވަނީ ބިރު ނުގަތުމަށާއި، ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށެވެ.
Ads by MACL
