ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އަދާނީއަށް އުފުލިފައިވާ ރިޝްވަތުގެ ދަޢުވާގައި ސިއްރު އެއްބަސްވުމެއް އޮތްތޯ ބަލަން އެމެރިކާ ކޯޓުން އަންގައިފި

އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގައުތަމް އަދާނީ ----
އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގައުތަމް އަދާނީ ----

އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގައުތަމް އަދާނީގެ މައްޗަށް އެމެރިކާގައި އުފުލާފައިވާ ޖިނާއީ ދަޢުވާ ޚަތިމްކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމުގެ ފަހަތުގައި، ލިޔެކިޔުމަށް ނުގެނެސް އޮތް އެއްވެސް ސިއްރު އެއްބަސްވުމެއް ނުވަތަ ބަދަލުދިނުމެއް އޮތްތޯ ބަޔާންކޮށްދިނުމަށް ނިއުޔޯކްގެ ފެޑެރަލް ކޯޓުން އަމުރުކޮށްފިއެވެ.

ނިއުޔޯކްގެ އީސްޓާން ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ނިކޮލަސް ޖީ. ގަރައުފިސް ނެރުއްވި އަމުރުގައި ވަނީ، މި ހިނގާ ޖުލައި މަހުގެ 15 ގެ ކުރިން މިކަމާ ގުޅޭ ޙަލަފު ބަޔާނެއް ކޯޓަށް ހުށަހެޅުމަށް އަދާނީއަށް އަންގަވާފައެވެ.

ކޯޓުން އަދާނީއާ ދެ ސުވާލެއް ކުރިމަތިކުރުވާފައިވާއިރު، އޭގެ ތެރޭގައި މި ދަޢުވާ ޚަތިމްކުރުމާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ވައުދުވެ، ހުށަހަޅާ، ހޯދަން މަސައްކަތްކޮށް ނުވަތަ ގަބޫލުކޮށްފައިވާކަން އެނގޭތޯ ސުވާލުކޮށްފައިވެއެވެ. އަދި ދަޢުވާ ދޫކޮށްލުމުގެ ބަދަލުގައި އެއްޗެއް ބަދަލުކުރުމަށް އެއްބަސްވެފައިވާ އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް އޮތްތޯ ވެސް ކޯޓުން ވަނީ ސާފުކުރަން ބޭނުންވެފައެވެ.

މި އަމުރު ނެރެފައިވަނީ ދަޢުވާ ޚަތިމްކުރަން ބޭނުންވާ ސަބަބުތައް ތަފްސީލުކޮށްދިނުމަށް ކޯޓުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް (ޑީއޯޖޭ) އަށް އެންގުމުން، އެ ފަރާތުން ދިން ޖަވާބުތަކާ ގުޅިގެންނެވެ. އެ ޑިޕާޓްމަންޓްގެ ޕްރިންސިޕަލް އެސޯސިއޭޓް ޑެޕިއުޓީ އެޓަރނީ ޖެނެރަލް އާރް ޓްރެންޓް މެކޮޓަރ ވިދާޅުވެފައިވަނީ، ދަޢުވާ ޚަތިމްކުރުމަކީ އޭނާ އަމިއްލައަށް ނިންމެވި ނިންމެވުމެއް ކަމަށާއި، މިއީ އަދާނީ ގްރޫޕުން އެމެރިކާގައި އިންވެސްޓްކުރާނެ ކަމަށް ވީ ވައުދަކާ ގުޅިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ މެކޮޓަރގެ ޖަވާބުގެ ސަބަބުން، ކޯޓަށް ކުރިން އަންގާފައިނުވާ ސިއްރު އެއްބަސްވުމެއް އޮތްކަމުގެ ޝައްކު ފުރަތަމަ ފަހަރަށް އުފެދިފައިވާ ކަމަށެވެ.

މި މައްސަލައަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގެ ޑީއޯޖޭ އިން އުފުލި ދަޢުވާއެކެވެ. އެ ދަޢުވާގައި ބުނެފައިވަނީ ގައުތަމް އަދާނީ އާއި ސާގަރ އަދާނީ އަދި ވްނީތު ޖެއިން ހިމެނޭހެން ބަޔަކު ރޭވިގެން، އިންޑިއާގެ ސްޓޭޓް ސަރުކާރުތަކުގެ އޮފިސަރުންނަށް ރިޝްވަތުދީގެން ސޯލާ ޕްރޮޖެކްޓެއް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށެވެ. މިގޮތުން ޖުމްލަ 265 މިލިއަން ޑޮލަރު (2029 ކްރޯޑް ރުޕީސް) ގެ ރިޝްވަތު ވައުދުވެފައިވާއިރު، އޭގެ ތެރެއިން 1750 ކްރޯޑް ރުޕީސް ޚާއްސަކުރީ އާންދްރަޕްރަދޭޝްއިން 7 ގިގަވޯޓްގެ ސޯލާ ޕަވަރ ގަތުމުގެ އެއްބަސްވުން ހޯދުމަށެވެ. އަދި އެމެރިކާގެ އިންވެސްޓަރުންނަށް އޮޅުވާލައި ސެކިއުރިޓީޒް ފްރޯޑާއި ވަޔަރ ފްރޯޑް ހިންގާފައިވާ ކަމަށްވެސް ތުހުމަތުކުރެވުނެވެ.

ނަމަވެސް، މި އަހަރުގެ މޭ މަހު ޑީއޯޖޭ އިން ވަނީ އަލުން މި ދަޢުވާ ނުކުރެވޭނެ ގޮތަށް ޚަތިމްކޮށްލަން ކޯޓަށް ހުށަހަޅާފައެވެ. އޭގެ ޖަވާބުގައި ޖޫން މަހުގެ ތެރޭގައި ފަނޑިޔާރު ވިދާޅުވީ ސަރުކާރުގެ ބަޔާނުގައި އެއްވެސް ތަފްސީލެއް ނެތް ކަމަށާއި، ދަޢުވާ ޚަތިމްކުރަންޖެހޭ ސަބަބު ކޯޓަށް ފުދޭވަރަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.

އޭގެ ފަހުން މި ޖުލައި މަހުގެ 4 ވަނަ ދުވަހު ޑީއޯޖެ އިން ހުށަހެޅި ޖަވާބުގައި ބުނެފައިވަނީ، މިއީ ބައިޑެން ސަރުކާރުގެ ފަހު ދުވަސްތަކުގައި އެއްވެސް ޝަރީއަތެއް ހިންގޭނެ އުންމީދެއް ނެތްގޮތަށް، ހަމައެކަނި އަގުވައްޓާލުމުގެ ބޭނުމުގައި އުފުލި ދަޢުވާއެއް ކަމަށެވެ. އަދި މިއީ އިންޑިއާގެ ބަޔަކު އިންޑިއާގެ އެހެން ބަޔަކަށް ކަރަންޓު ކޮންޓްރެކްޓަކާ ގުޅިގެން ރިޝްވަތު ދިން ކަމަށް ބުނާ ޚާރިޖީ މައްސަލައެއް ކަމަށާއި، އެމެރިކާއިން ދުނިޔޭގެ ފުލުހެއްގެ ރޯލު އަދާކުރަން އުޅުމަކީ ޑިޕްލޮމެޓިކް މައްސަލަތައް އުފެދި ވަސީލަތްތައް ބޭކާރުވާ ކަމެއް ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން އިން ވަކިން އުފުލި ސިވިލް ދަޢުވާ ހައްލުކުރުމަށްޓަކައި، އެއްވެސް ކުށަކަށް އިއުތިރާފުވުމެއް ނެތި، ގައުތަމް އަދާނީ 6 މިލިއަން ޑޮލަރު އަދި ސާގަރ އަދާނީ 12 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، އަދާނީގެ ގާނޫނީ ޓީމުގައި ހިމެނޭ ސުލިވަން އެންޑް ކްރޮމްވެލް ފާމްގެ ވަކީލު ރޮބަރޓް ޖިއުފްރާ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޝަޚްސީ ވަކީލުކަން ވެސް ކުރައްވާ ފަރާތެއް ކަމަށް މައުލޫމާތު ލިބެއެވެ. ކޯޓުން މި ޖިނާއީ ދަޢުވާ ޚަތިމްކުރުމާ މެދު ފަހުގެ ނިންމުމެއް ނިންމާނީ އަދާނީ ހުށަހަޅުއްވާ ޙަލަފު ބަޔާނަށް ބެލުމަށްފަހުގައެވެ.