ދެމަފިރިއެއްގެ ރަން ހާރު ވަގަށް ނެގި މައްސަލާގައި ރޭލްވޭއިން ބަދަލުދޭން އަމުރުކޮށްފި
ރާޖްދާނީ އެކްސްޕްރެސްގެ އޭސީ ކޯޗެއްގައި ދަތުރުކުރަމުން ދަނިކޮށް އަތްދަބަސް ވަގަށް ނަގައި، އޭގެތެރޭގައި އޮތް ރަން މަންގަލްސޫތުރާ (ކައިވެނީގެ ރަންހާރު) ގެއްލުނު މައްސަލައިގައި އިންޑިއާގެ ޕަންޖާބުގެ ކޮންޒިއުމާ ކޮމިޝަނުން ނޯތާން ރޭލްވޭއަށް 80،000 ރުޕީސް ދެއްކުމަށް އަމުރުކޮށްފިއެވެ.
މި އަމުރު ނެރެފައިވަނީ އެ ކޮމިޝަނުގެ ރައީސް ކުލްވިންދަރ ސިންގ ޕައްނޫ އާއި މެމްބަރު ރާޖް ކުމާރު ޝުކްލާ ހިމެނޭ ބެންޗަކުންނެވެ. ކޯޓުން ނިންމާފައިވަނީ ރޭލްވޭއިން ޚިދުމަތް ދިނުމުގައި ބޮޑު އިހުމާލެއް ވެފައިވާ ކަމަށެވެ.
- މި ހާދިސާ ހިނގާފައިވަނީ 2021 ޑިސެމްބަރު 14 ވަނަ ދުވަހު ދިބްރުގަޑުން ނަވީ ދިއްލީއަށް ދަތުރުކުރި ރާޖްދާނީ އެކްސްޕްރެސްގައެވެ. ދެމަފިރިން އެމީހުންގެ ކުޑަ ދަރިފުޅާއެކު ދަތުރުކުރީ 3AC ކޯޗެއްގައެވެ. ދަތުރުމަތީގައި ވަގަށް ނެގި އަތްދަބަހުގައި 65،000 ރުޕީސްގެ އަގުހުރި 15 ގްރާމުގެ ރަން މަންގަލްސޫތުރާއެއްގެ އިތުރުން ނަގުދު ފައިސާގެ ގޮތުގައި 5،000 ރުޕީސް އާއި ބޭންކް ޕާސްބުކެއް އޮތް ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
ވައްކަން ކުރިކަން އެނގުނު ވަގުތު ކޯޗުގެ އެޓެންޑެންޓް ހޯދަން މަސައްކަތްކުރި ނަމަވެސް އޭނާ ފެނިފައި ނުވާ ކަމަށް ދެމަފިރިން ބުނެއެވެ. އޭގެ ފަހުން އެމީހުން ވަނީ ރޭލްވޭ ޕްރޮޓެކްޝަން ފޯސް (އާރުޕީއެފް) ގެ މުވައްޒަފަކަށާއި ޓީޓީއީއަށް އެކަން އަންގައި، ރޭލު ނަވީ ދިއްލީއަށް ފޯރުމާއެކު ޒީރޯ އެފްއައިއާރެއް (މައްސަލައެއް) ރަޖިސްޓްރީކޮށްފައެވެ.
ރޭލްވޭގެ ފަރާތުން މި ތުހުމަތުތައް ދޮގުކޮށް ކޯޓުގައި ބުނެފައިވަނީ، މިފަދަ ހާދިސާއެއް ހިނގިކަން ޑިއުޓީގައި ހުރި ސްޓޭޝަން މާސްޓަރަށް އެނގިފައި ނުވާ ކަމަށެވެ. އަދި ރޭލްވޭގެ އެއްވެސް އިހުމާލެއް މިކަމުގައި ނެތް ކަމަށް ބުނެ، މި މައްސަލަ ބާތިލުކޮށްދިނުމަށް ރޭލްވޭއިން އެދުނެވެ.
Ads by BMLނަމަވެސް ކޮމިޝަނުން ފާހަގަކުރި ގޮތުގައި ރޭލްވޭގެ އަމިއްލަ ދާޚިލީ ލިޔެކިޔުންތަކުން ރޭލްވޭގެ ބަޔާންތައް ދޮގުވާކަން އެނގެއެވެ. އެގޮތުން އާރުޕީއެފް އެސްކޯޓް ޓީމުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ދަތުރުމަތީގައި ޝަކުވާ ލިބުމާއެކު އެމީހުން ވަނީ އެ ދެމަފިރިންނާ ބައްދަލުކޮށްފައެވެ. އަދި ނަވީ ދިއްލީއަށް ދެވުމުން އެފްއައިއާރް ހުށަހަޅާނެ ކަމަށް ދަތުރުވެރިން ބުނެފައިވާކަން ވެސް އެ ލިޔުންތަކުން އެނގެން އޮތެވެ.
މީގެއިތުރުން، ވައްކަން ހިނގި ވަގުތު ކޯޗު އެޓެންޑެންޓް ޑިއުޓީގައި ނެތް ކަމަށް ދެމަފިރިން ބުނި ވާހަކަ ދޮގުކުރާނެ އެއްވެސް ހެކިތަކެއް، ކޮންމެހެން ހުށަހަޅަންޖެހޭ ޑިއުޓީ ރޯސްޓަރ ފަދަ ލިޔެކިޔުމެއް ރޭލްވޭއަށް ކޯޓަށް ހުށަހެޅިފައެއް ނުވެއެވެ. ކޮމިޝަނުން ބުނީ މިއީ ރޭލްވޭއިން މުހިންމު ހެކިތަކެއް ހިފަހައްޓާފައިވާ ކަމަށް ބެލެވޭ ކަމެއް ކަމަށާއި، އެހެންކަމުން މައްސަލަ ނިންމަން ޖެހުނީ ރޭލްވޭއާ ދެކޮޅަށް ކަމަށެވެ.
ޕަންޖާބުގެ ކޮންޒިއުމާ ކޮމިޝަނުން މި މައްސަލަ ނިންމާފައިވަނީ ޖޫން 30 ވަނަ ދުވަހުއެވެ. އެގޮތުން ގެއްލުނު ތަކެތީގެ ބަދަލެއްގެ ގޮތުގައި 70،000 ރުޕީސް އަދި މި ހާދިސާގެ ސަބަބުން ލިބުނު ނަފްސާނީ ދަތިކަމާއި ހިތާމައިގެ ބަދަލެއްގެ ގޮތުގައި 10،000 ރުޕީސް ހިމެނޭހެން، ޖުމްލަ 80،000 ރުޕީސް ދެމަފިރިންނަށް ދެއްކުމަށް ނޯތާން ރޭލްވޭގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
Ads by MACL
