ޔޫކްރެއިންގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި، ޒެލެންސްކީ ސަރުކާރަށް ބޮޑު ބަދަލެއް ގެންނަވަނީ
ޔޫކްރެއިންގެ ބޮޑުވަޒީރު ޔޫލިޔާ ސްވިރިޑެންކޯ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެޤައުމުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ސަރުކާރަށް ބޮޑު ބަދަލެއް ގެންނަވާނެކަން އިޢުލާން ކުރައްވައިފިއެވެ.
މި ބަދަލަކީ ރައީސް ޒެލެންސްކީ އިޢުލާން ކުރެއްވި "އަޕްޑޭޓް ކުރެވިފައިވާ ސިޔާސީ ސްޓްރެޓެޖީއެއް" ތަންފީޒު ކުރުމުގެ މަޤްޞަދުގައި ގެންނަވާ ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެންމެ އަހަރެއްހާ ދުވަހު ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވުމަށް ފަހު ސްވިރިޑެންކޯ ވަކިކުރައްވާފައި ވަނީ 12 ޖުލައި 2026 ގައި ސަރުކާރަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ. ޔޫކްރެއިންގެ ޤާނޫނުތައް ބުނާގޮތުން ބޮޑުވަޒީރު މަޤާމުން އިސްތިއުފާ ދެއްވުމަށް ޕާލަމެންޓްގެ ރުހުން ބޭނުންވާނެއެވެ. އަދި ބޮޑުވަޒީރު އިސްތިއުފާ ދެއްވުމާއެކު މުޅި ސަރުކާރުވެސް އިސްތިއުފާ ދޭންޖެހޭނެ ކަމަށް ޤާނޫނުގައިވެއެވެ.
Ads by BMLޔޫކްރެއިން ޕާލަމެންޓްގެ ރައީސް ރުސްލާން ސްޓެފަންޗުކް ވިދާޅުވެފައި ވަނީ ބޮޑުވަޒީރުގެ އިސްތިއުފާގެ ސިޓީ ޕާލަމެންޓަށް ލިބިފައިވާ ކަމަށާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޕާލަމެންޓުން އެ މައްސަލަ ބަލަމުންދާނެ ކަމަށެވެ. ސްވިރިޑެންކޯ އަކީ 2020 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ޑެނިސް ޝްމިހާލް ބަދަލުކުރައްވައި، 2025 ވަނަ އަހަރުގެ ޖުލައި މަހު އެ މަޤާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ.
އިދިކޮޅު މެންބަރެއް ކަމަށްވާ ޔަރޮސްލާވް ޝެލެޒްނިއަކް ލަފާކުރައްވާ ގޮތުގައި، މަޤާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު ސްވިރިޑެންކޯ ދެން އެންމެ ލަފާކުރެވެނީ އެމެރިކާއަށް ކަނޑައަޅުއްވާ ޔޫކްރެއިންގެ އައު ސަފީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ޒެލެންސްކީ ވަނީ ޤާނޫނު ނަފާޒުކުރާ އިދާރާތަކުގެ އިސް ވެރިންގެ މަޤާމުތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.
Ads by MACL
