ޔަމާލްގެ އުފަންދުވަހުގެ އެންމެ ބޮޑު ހަދިޔާއަކީ ފްރާންސް ބަލިކޮށްގެން ފައިނަލަށް ދިއުން
ޔަމާލްގެ އުފަންދުވަހުގެ އެންމެ ބޮޑު ހަދިޔާއަކީ ފްރާންސް ބަލިކޮށްގެން ފައިނަލަށް ދިއުން ކަމަށާއި, ވޯލްޑް ކަޕް ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗާ މެދު އެއްވެސް ބިރެއް ނެތް ކަމަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ.
އޭނާ މިހެން ބުނެފައި ވަނީ އޭނާގެ 19 ވަނަ އުފަންދުވަސް ފާހަގަކުރުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރި ބައްދަލުވުމެއްގައެވެ.
ކުރިން ބެލްޖިއަމް އަތުން ސްޕެއިން 2 ން 1 ން މޮޅުވި ކުއާޓަރ ފައިނަލް މެޗަށްފަހު ޔަމާލް ބުނި ކަމަށް ބުނެވޭ ވާހަކައަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ، ފްރާންސަށް ބިރުގަންނަންޖެހޭނީ ސްޕެއިން ކަމަށެވެ. އަދި އޭނާ ކައިރީ ފްރާންސަށް ބިރުގަނޭތޯ އެހުމުން ނޫނެކޭ ބުނި ކަމަށާއި، ސްޕެއިނަކީ ޔޫރަޕްގެ ޗެމްޕިއަނުން ކަމަށްވުމާއެކު މިއީ ހަމައެކަނި ފުޓްބޯޅަ މެޗެއް ކަމަށް ޔަމާލް ސާފުކޮށްދިނެވެ.
Ads by BMLޔަމާލް މި ޕްރެސް ކޮންފަރެންސަށް އައީ އޭނާގެ އުފަންދުވަހުގެ މުނާސަބަތުގައި ބޮޑު ޖަވާހިރު ހަރުކޮށްފައިވާ ފަލަ ޗެއިނެއް ގަނެގެންނެވެ. ނަމަވެސް އޭނާ ބުނިގޮތުގައި އޭނާއަށް ލިބޭނެ އެންމެ ރަނގަޅު ހަދިޔާއަކީ އަންގާރަ ދުވަހުގެ މެޗުން މޮޅުވެ، ނިއުޔޯކްގައި އޮންނަ ފައިނަލް މެޗަށް ދަތުރުކުރުމެވެ.
މި މުބާރާތުގައި މިހާތަނަށް ޔަމާލް ޖަހާފައި ވަނީ އެންމެ ލަނޑެއް ކަމަށް ވިޔަސް، ފްރާންސާ ދެކޮޅަށް އިތުރު ލަނޑެއް ޖަހާނެ ކަމުގެ އުންމީދު އޭނާ ވަނީ ފާޅުކޮށްފައެވެ.
އޭނާ ލަނޑުތަކަށް ސަމާލުކަން ނުދޭ ކަމަށާއި ނަމަވެސް މިފަދަ ބޮޑު މެޗެއްގައި ލަނޑު ޖެހުމަކީ ހާއްސަ ކަމެއް ކަމަށް ބުންޏެވެ. އަދި ފުޓްބޯޅަ މެޗަކަށްވުރެ ދިރިއުޅުމުގައި މާނިކަމެތި ހާލަތްތައް ހުންނާނެ ކަމަށާއި، އެހެންކަމުން މި މެޗާ މެދު އިތުރު ޕްރެޝަރެއް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފައި ވަނީ، ޓޯނަމެންޓްގެ ފޭވަރިޓްގެ ގޮތުގައި އޮތް ފްރާންސާ ދެކޮޅަށް އެޓޭކް ކުރާ ވައްޓަފާޅިއަކުން ސްޕެއިން ކުޅޭނެ ކަމަށެވެ. އެޓީއެންޑްޓީ ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ ދެ ޓީމުގެ ތަފާތު ދެ ވައްޓަފާޅި ދައްކާލާނެ ފޯރިގަދަ މެޗެއްގެ ގޮތުގައި ކޯޗު ސިފަކުރިއެވެ.
ފްރާންސް ޓީމުގައި ކިލިއަން އެމްބާޕޭ، މައިކަލް އޮލިސޭ އަދި އުސްމާން ޑެމްބެލޭ ފަދަ ބާރުގަދަ ތަރިން ތިއްބަސް، ސްޕެއިން ވަނީ އެންމެ ފަހުން އެ ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި 5 ން 4 ން ސްޕެއިން މޮޅުވި ފޯރިގަދަ މެޗު ވެސް ހިމެނެއެވެ.
ނަމަވެސް ކޯޗު ޑެ ލަ ފުއެންޓޭ ބުނީ ކުރީގެ މެޗާ މި މެޗާ ވަރަށް ތަފާތުވާނެ ކަމަށާއި، ފްރާންސް މިހާރު ކުރިއަށްވުރެ މާބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. ފްރާންސްގެ ކުޅުންތެރިން މިހާރު ތަޖުރިބާކާރުވެ ބޮޑެތިވެފައިވާ ކަމަށާއި، އެމީހުން މިހާރު ކުޅޭ ކުޅުމަކީ ކުރިން ކުޅުނު ކުޅުމަށްވުރެ މާ މޮޅު ކުޅުމެއް ކަމަށް ވެސް ކޯޗު އެއްބަސްވިއެވެ.
މެޗުގެ ކުރިން ސްޕެއިންގެ ކޯޗު އޭނާގެ ކުޅުންތެރިންނަށް ދިން ފަހު ނަސޭހަތަކީ މި ވަގުތު އުފާކުރުމަށެވެ. ޓީމު މިހާރު އޮތީ ވަރަށް ހާއްސަ މަރުހަލާއެއްގައި ކަމަށާއި، ދެން ދުވަހަކުން ވެސް މިފަދަ ފުރުސަތެއް ލިބޭނެކަން ނޭނގޭތީ، ދަނޑަށް ނިކުމެ ކުޅުން ހުށަހަޅައިދީ އުފާކޮށްލުމަށް ކޯޗު ބުންޏެވެ.
Ads by MACL
