ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކަށް އެމެރިކާއިން ކަނޑައެޅި ޓެރިފް 100 އިންސައްތައަށް ކުޑަކޮށްފި
ރަޝިޔާއިން ތެލާއި ގޭސް ގަންނަ ގައުމުތަކަށް އަމާޒުކޮށްގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ތައްޔާރުކުރި ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ކުރިން ހުށަހެޅި 500 އިންސައްތައިގެ ޓެރިފްގެ ބަދަލުގައި އެންމެ ބޮޑުވެގެން ނެގޭނީ 100 އިންސައްތައިގެ ޓެރިފް ކަމަށް ކަނޑައަޅައިފިއެވެ.
ވޮޝިންޓަނުން ފާސްކުރަން އުޅޭ މި ބިލުގެ ދަށުން، ރަޝިޔާގެ ހަކަތަ ގަންނަ ގައުމުތަކަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު ލިބިގެންދާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ.
މި ބިލަކީ ޔުކްރެއިނަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ފިއްތުންތައް ބޮޑުކުރުމުގެ މަގުސަދުގައި، ރިޕަބްލިކަން ސެނެޓަރ ލިންޑްސޭ ގްރެހަމް އާއި ޑިމޮކްރެޓް ސެނެޓަރ ރިޗަރޑް ބްލޫމެންތޯލް ގުޅިގެން 2025 ވަނަ އަހަރު ހުށަހެޅުއްވި ބައިޕާޓިޒަން ބިލެކެވެ. މި ބިލަށް ގެނައި އާ ބަދަލުތަކުގެ ސަބަބުން، ރަޝިޔާގެ ތެލާއި ގޭސް އެންމެ ގިނައިން ގަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
Ads by BMLމި ވަގުތު ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ ފަސް ގައުމަކީ ޗައިނާ، އިންޑިއާ، ސްލޮވާކިއާ، ހަންގޭރީ އަދި އަޒަރުބައިޖާން އެވެ. އަދި ރަޝިޔާގެ ގޭސް އެންމެ ގިނައިން ގަންނަނީ ޗައިނާ، ފްރާންސް، ޖަޕާން، ހަންގޭރީ އަދި ބެލްޖިއަމުންނެވެ.
އާ ބިލުގައިވާ ގޮތުން، ރަޝިޔާގެ ގޭސް އެކްސްޕޯޓުގެ 15 އިންސައްތައަށް ވުރެ މަދުން ގަންނަ އަދި އެ އަދަދު އިތުރަށް މަދުކުރަން މަސައްކަތް ކުރަމުންދާ ގައުމުތަކަށް މި ޓެރިފްތަކުން އިސްތިސްނާ ލިބޭނެއެވެ. މީގެ ތެރޭގައި ޖަޕާން، ފްރާންސް، ހަންގޭރީ އަދި ބެލްޖިއަމް ފަދަ ގައުމުތައް ހިމެނިދާނެ ކަމަށް ބެލެވެއެވެ.
ޓެރިފް ނެގުމުގެ އިތުރުން، ރަޝިޔާގެ ސިއްރު ޓޭންކަރު ފްލީޓާއި، ރަޝިޔާގެ މަރުކަޒީ ބޭންކް ހިމެނޭ ގޮތަށް މާލީ އިދާރާތަކަށާއި، ޔަމަލް އެލްއެންޖީ އަދި އާކްޓިކް އެލްއެންޖީ ފަދަ ދައުލަތުގެ ބޮޑެތި ހަކަތަ މަޝްރޫއުތަކަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުން ވެސް މި ބިލުގައި ހިމަނާފައިވެއެވެ. ނަމަވެސް އެމެރިކާގެ ގައުމީ މަސްލަހަތަށް ރިއާޔަތްކޮށް، މި ދަތިކުރުމުގެ ފިޔަވަޅުތައް މާފުކޮށްދިނުމުގެ އިޚްތިޔާރު ވެސް ރައީސް ޓްރަމްޕަށް ލިބިދީފައިވެއެވެ.
ސެނެޓުގެ މަސްދަރުތަކުން ބުނާ ގޮތުގައި މި ބިލަށް މިހާރު 26 ކޯ ސްޕޮންސަރުން ތިބިއިރު، މަޖިލީހުން މި ބިލް ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި މި ބިލުގެ ތެރެއަށް އީރާނާއި ހިޒްބުﷲގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ވެސް މިހާރު ދަނީ ވިސްނަމުންނެވެ. އަދި މިއީ ސެނެޓަރ ލިންޑްސޭ ގްރެހަމްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި، މި ބިލް ރަސްމީ ގާނޫނަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ.
Ads by MACL
