ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވެކްސިނުން ދަރިން މަރުވި ކަމަށް ބުނެ ހެދި ދޮގުތައް ފަޅާއަރައި، އެއްމާބަނޑު ދެ ކުދިންގެ މަންމަ ބަންދުކޮށްފި

ވެކްސިނުން ދަރިން މަރުވި ކަމަށް ބުނެ ހެދި ދޮގުތައް ފަޅާއަރައި، އެއްމާބަނޑު ދެ ކުދިންގެ މަންމަ ބަންދުކޮށްފި

އެމެރިކާގައި 18 މަހުގެ އެއްމާބަނޑު ދެ ކުދިން މަރުވީ ވެކްސިން ޖެހުމުގެ ސަބަބުން ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފެތުރި މަންމަ، އެ ދެ ކުދިން ނޭވާ ހާސްކޮށްލައިގެން ގަސްތުގައި މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތު އުފުލިފައިވަނީ އުމުރުން 23 އަހަރުގެ އެންޑްރިއާ ޝޯ ނަމަކަށް ކިޔާ އަންހެނެއްގެ މައްޗަށެވެ. އޭނާ ކުރިން މީޑިއާތަކާއި ކޯޓުގައި ދައުވާކުރަމުން ދިޔައީ އިންފްލުއެންޒާ އާއި ހެޕަޓައިޓިސް އޭ އަދި ޓެޓަނަސް ފަދަ އާންމު ވެކްސިންތަކެއް ޖެހިތާ އަށް ދުވަސް ފަހުން، ދިފާއީ ނިޒާމަށް އައި ބަދަލުތަކެއްގެ ސަބަބުން ކުދިން ނޭވާ ހާސްވެގެން އެނދުމަތީގައި މަރުވީ ކަމަށެވެ.

ޝޯގެ މި ވާހަކަތަކަކީ އެމެރިކާގެ ހެލްތު ސެކްރެޓަރީގެ މަގާމާ ރޮބާޓް ކެނެޑީ ޖޫނިއާ ހަވާލުވެވަޑައިގަތުމުގެ ކުރިން އުފެއްދެވި "ޗިލްޑްރަންސް ހެލްތު ޑިފެންސް" ޖަމްއިއްޔާއިން ކޯޓަށް ހުށަހަޅާފައިވާ ބޮޑު މައްސަލައެއްގެ މައިގަނޑު އަސާސެވެ. އެ ޖަމްއިއްޔާއިން ދަނީ ކުޑަކުދިންގެ ވެކްސިންތަކުގެ ރައްކާތެރިކަމާ ބެހޭގޮތުން އެމެރިކަން އެކަޑެމީ އޮފް ޕީޑިއަޓްރިކްސް އިން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ.

އެމެރިކާގެ އައިޑަހޯ ސްޓޭޓްގެ ޕަޔެޓް ޕޮލިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި ޝޯ ހައްޔަރުކުރަން ނިންމީ ކުދިންގެ މަރާ ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ހާއްސަ ތަހުގީގަކަށް ފަހު ލިބުނު ސާބިތު ހެކިތަކުގެ މައްޗަށް ބިނާކޮށްފަ އެވެ.

މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ފެށިފައިވާއިރު، އައިޑަހޯ ސްޓޭޓްސްމަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝޯގެ ދިފާއީ ވަކީލު ޖޯސެފް ފިލިސެޓީ ވަނީ އޭނާގެ މުވައްކިލަކީ ދަރިންދެކެ އިންތިހާއަށް ލޯބިވާ އޯގާތެރި މައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ދައުލަތުން އުފުލާފައިވާ މަރުގެ ލާދީނީ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވަކީލު ވިދާޅުވި އެވެ.

ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު އަންނާނެ މި މައްސަލާގައި، ޝޯ ވަނީ އޭނާގެ އަތުގައި މިހާރު ހުރި ތުއްތު އަންހެން ދަރިފުޅާ އެކު ގޭގައި ހުރެވޭނެ ގޮތް ހެދުމަށްޓަކައި، ކޯޓުން ކަނޑައަޅާފައިވާ ދެ މިލިއަން ޑޮލަރުގެ ކަފާލާތުގެ އަދަދު ކުޑަކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ފަނޑިޔާރު ކައިލީ ސްޓަޗްލިކް ވަނީ މައްސަލައިގެ ނުރައްކާތެރިކަމަށް ބައްލަވައި ކަފާލާތުގެ ފުރުސަތު މުޅިން ބާތިލުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފަ އެވެ.

ސިއްހީ މާހިރުން ހާމަކުރާ ގޮތުގައި ކުޑަކުދިންނަށް ދޭ ވެކްސިންތަކުގެ ސަބަބުން ނޭވާ ހާސްވުމުގެ އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވެ އެވެ. އަދި މަރުވި އެއްމާބަނޑު ދެ ކުދިންނަކީ ޖެނެޓިކަލީ ތަފާތު ދެ ކުދިންނަށް ވާއިރު، ވެކްސިނެއްގެ ސަބަބުން އެއް ވަގުތެއްގައި ދެ ކުދިންގެ ހަށިގަނޑަށް އެއް ބަދަލެއް އައިސް މަރުވުމަކީ ސައިންޓިފިކް ގޮތުން ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް ވެސް މާހިރުން ފާހަގަކުރެ އެވެ.

މި ހާދިސާ ފަޅާއެރުމާ ގުޅިގެން، ވެކްސިން ޖެހުމާ ދެކޮޅަށް މީގެ ކުރިން އަޑުއުފުއްލެވި ރޮބާޓް ކެނެޑީ ޖޫނިއާގެ އިތުރުން "ޗިލްޑްރަންސް ހެލްތު ޑިފެންސް" ޖަމްއިއްޔާއިން ވެސް މީޑިއާތަކުގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.