އާމިރު ޚާން މަރާލަން ގޮވާލައި، ހިންދޫ ލީޑަރަކު 50 މިލިއަން ރުޕީސް ހުށަހަޅައިފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާނަކީ "ލަވް ޖިހާދު" ފަތުރާ މީހެއްކަމަށް ތުހުމަތުކޮށް، އޭނާ މަރާލާ މީހަކަށް 50 މިލިއަން ރުޕީސްގެ ބޮޑު އިނާމެއް ދޭނެކަމަށް އިންޑިއާގެ ހިންދޫ ހަރުކަށި ފިކުރުގެ ލީޑަރަކު ގޮވާލައިފިއެވެ.
މި ނުރައްކާތެރި އިންޒާރު ދީފައިވަނީ އިންޑިއާގެ އަޔޯދިޔާއަށް ނިސްބަތްވާ ހަރުކަށި ލީޑަރު ޖަގަތު ގުރު ޕަރަމަހަންސަ އާޗަރިޔާއެވެ. އޭނާ މިކަން އިއުލާންކޮށްފައިވަނީ، އާމިރު ޚާނަކީ "ލަވް ޖިހާދުގެ ބްރޭންޑް އެމްބެސެޑަރު" ކަމަށް ސިފަކޮށް މަހާރާޝްތުރާ ސްޓޭޓްގެ މިނިސްޓަރު ނިތޭޝް ރާނޭ ދާދިފަހުން ދެއްކެވި ވާހަކަތަކަށް ފުރިހަމައަށް ތާއީދުކުރަމުންނެވެ. އާމިރު ޚާން ހިންދޫ އަންހެނުންނާ ކައިވެނިކުރަނީ "ލަވް ޖިހާދު" ފެތުރުމުގެ ބޭނުމުގައިކަމަށް ޕަރަމަހަންސަ ވަނީ ތުހުމަތުކޮށްފައެވެ.
އާމިރު ޚާންގެ ބޯ ކަނޑާލުމަށްފަހު އޭނާގެ ކައިރިއަށް ގެންނަ ކޮންމެ މީހަކަށްވެސް އެ ފައިސާގެ އިނާމު ދޭނެކަމަށް ޕަރަމަހަންސަ ވަނީ ބުނެފައެވެ. އަދި އެކަން ކުރަން އެހެން މީހަކަށް ނުކެރިއްޖެނަމަ، އަމިއްލައަށް އޭނާ ހޯދައި މަރާލާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ. މީގެ އިތުރުން އާމިރު ޚާން މަރާލާ މީހަކަށް ކުރިމަތިލާންޖެހޭ ހުރިހާ ގާނޫނީ ޚަރަދެއްވެސް ބަލަހައްޓާނެކަމުގެ ޔަގީންކަން އެ ހަރުކަށި ލީޑަރު ވަނީ ދީފައެވެ. އޭނާ ދެކޭގޮތުގައި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މިފަދަ އަމަލުތައް ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ.
އިންޑިއާގައި އިސްލާމޯފޯބިއާ ފަތުރާ ފަރާތްތަކުން އަންނަނީ މުސްލިމް ފިރިހެނުން ހިންދޫ އަންހެނުންނާ ކައިވެނިކުރުމަކީ "ލަވް ޖިހާދު" ކަމަށް ސިފަކުރަމުންނެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ، އާމިރު ޚާން މީގެ ކުރިން ކައިވެނިކުރި ހިންދޫ އަންހެނުންވެސް މިއަދާ ހަމައަށްވެސް އިސްލާމްދީން ގަބޫލުކޮށްފައި ނުވާކަމެވެ. ރިޕޯޓުތައް ބުނާގޮތުން އިންޑިއާގައި ކޮންމެ އަހަރަކު 30،000 ހިންދޫން އިސްލާމްދީން ގަބޫލުކުރެއެވެ.
Ads by MACL
