ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޔޫކްރެއިންގެ މަޤުބޫލު ދިފާޢީ ވަޒީރު މަޤާމުން ދުރުކުރުމުން މުޒާހަރާތައް ފަށައިފި

ޔޫކްރެއިންގެ މަޤުބޫލު ދިފާޢީ ވަޒީރު މަޤާމުން ދުރުކުރުމުން މުޒާހަރާތައް ފަށައިފި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ، އެ ޤައުމުގެ އާންމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ދިފާޢީ ވަޒީރު މިޚައިލޯ ފެޑޮރޯވް ކުއްލި ގޮތަކަށް މަޤާމުން ދުރުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، މުޒާހަރާކުރަން ފަށައިފިއެވެ.

ވެރިރަށް ކިއޭވްގެ އިތުރުން އެހެނިހެން ސިޓީތަކުގައިވެސް ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ ވަނީ ފެޑޮރޯވްގެ ދިފާޢުގައި އަޑުއުފުލާފައެވެ.

މި ބަދަލާއެކު ދިފާޢީ ވަޒީރުގެ މަޤާމާ ވަގުތީގޮތުން ހަވާލުކުރުމަށް ޒެލެންސްކީ ހުށަހަޅާފައިވަނީ ސެކިއުރިޓީ ސަރވިސް (އެސްބީޔޫ) ގެ އެކްޓިންގ ހެޑް މޭޖަރ-ޖެނެރަލް ޔެވްހެނީ ޚްމާރާއަށެވެ. މީގެ އިތުރުން މިހާރުގެ އިންޓީރިއަރ މިނިސްޓަރ އިހޯރ ކްލައިމެންކޯއަކީވެސް މި މަޤާމަށް ވިސްނަމުންދާ ނަމެއްކަމަށް ޒެލެންސްކީ ވަނީ ހާމަކޮށްފައެވެ.

ފެޑޮރޯވް މަޤާމުން ދުރުކޮށްފައިމިވަނީ، ޔޫކްރެއިންގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް އޮލެކްސަންޑަރ ސިރްސްކީއާއި އޭނާއާ ދެމެދު އުފެދިފައިވާ ވަރުގަދަ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. އަސްކަރިއްޔާގެ ޖެނެރަލް ސްޓާފާއި ދިފާޢީ ވުޒާރާއާ ދެމެދު މައްސަލަތަކެއް އުޅޭކަމަށް ޒެލެންސްކީވެސް ވަނީ އެއްބަސްވެފައެވެ. ފެޑޮރޯވް ހާމަކުރިގޮތުގައި އޭނާ ހުށަހެޅި ގިނަ ކަންތައްތަކަކަށް ސިރްސްކީ ވަނީ ހުރަސްއަޅާފައެވެ. އަދި މައްސަލަ ހައްލުކުރުމަށް ސިރްސްކީ މަޤާމުން ދުރުކުރުމަށްވެސް ފެޑޮރޯވް ރައީސް ޒެލެންސްކީއަށް ލަފާދީފައިވެއެވެ.

އުމުރުން 35 އަހަރުގެ ފެޑޮރޯވް ދިފާޢީ ވަޒީރުކަމާ ހަވާލުވީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އޭނާއަކީ ޒަމާނީ ޓެކްނޮލޮޖީއާއި ޑްރޯން ބޭނުންކޮށްގެން ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދިނުމުގައި އިސްދައުރެއް އަދާކުރި ފަރާތެކެވެ. މީގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ސޯވިއެޓް ޒަމާނުގެ ބޯދާ ވިސްނުންތައް ދޫކޮށް ވުޒާރާގެ ހިންގުން ހަރުދަނާކުރުމަށް އޭނާ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މަޤާމުން ދުރުކުރުމަށްފަހު ރައީސްގެ މުޝީރެއްގެ މަޤާމު ފެޑޮރޯވްއަށް ހުށަހެޅިނަމަވެސް، އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ފެޑޮރޯވް މަޤާމުން ދުރުކުރުމާ ގުޅިގެން ޔޫކްރެއިންގެ އަސްކަރިއްޔާގެ ބައެއް އިސް ފަރާތްތަކުންނާއި އާންމު ސިފައިންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން ޑްރޯން ޔުނިޓެއްގެ ކޮމާންޑަރެއް ކަމަށްވާ ޕަވްލޯ ޔެލިޒާރޯވް ވަނީ މިއީ ޤައުމުގެ ދިފާޢީ ބާރަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް ބުނެ، އޭނާގެ މަޤާމުން އިސްތިޢުފާދީފައެވެ.