އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 5 މީހަކު ޝަހީދުކޮށްލައިފި
އޮކްޓޯބަރު މަހު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ.
ބުރާސްފަތި ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުންނާއި ބޮޑުބަޑިން ދިން މި ހަމަލާތަކަކީ އިސްރާއީލުން ކޮންމެ ދުވަހަކުހެން އެއްބަސްވުމާ ޚިލާފަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ހަމަލާތަކެކެވެ.
ފަލަސްތީނުގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތުދޭ ގޮތުގައި، ޣައްޒާ ސިޓީގެ ތުއްފާހު އަވަށާ ކައިރިއަށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ހުޅަނގު ޣައްޒާ ސިޓީގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް ބޮމުގެ ހަމަލާއެއްދީ އެކަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމްކޮށްލާފައިވާއިރު، އިރުމަތީ ޣައްޒާ ސިޓީގައި ޓޭންކަކުން ދިން ހަމަލާއެއްގައި އިތުރު މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ދެކުނުގެ ޚާން ޔޫނިސްގައި ކާރަކަށް ދިން ހަމަލާއެއްގައިވެސް މީހަކު ވަނީ ޝަހީދުވެފައެވެ.
Ads by BMLއެމެރިކާގެ އެހީތެރިކަމާއެކު ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަމުން ނުދާއިރު، މި އެއްބަސްވުމުގެ ދަށުން މިހާތަނަށް 1،100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
ހަމައެއާއެކު، ޣައްޒާއަށް އެތެރެކުރާ އެހީގެ މިންވަރު އިސްރާއީލުން ހިފަހައްޓަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގެ އިންސާނީ ކާރިސާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ޣައްޒާގެ ރައްޔިތުން ބުނަމުންދަނީ ހަމަލާތައް މެދުކަނޑާލުމަކީ ހަމައެކަނި ދައްކާ ހުވަފެނެއް ކަމަށާއި، ޣައްޒާގައި ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ދަނީ ޣައްޒާ އާރާސްތުކުރުމުގެ އެއްވެސް މަސައްކަތަކަށް ހުރަސްއަޅަމުންނެވެ.
އަންނަ އޮކްޓޯބަރު 27 ގައި އިސްރާއީލުގައި ބާއްވާ އިންތިޚާބުން ނަތަންޔާހޫއަށް ނާކާމިޔާބުވެދާނެކަމުގެ ބިރު އޮތުމާއެކު، ވޯޓު ހޯދުމުގެ ބޭނުމުގައި ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފާނެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
Ads by MACL
