އިންޑިއާގެ ވެސްޓް ބެންގޯލްގައި ރޭލެއް ސްކޫލް ބަހެއްގައި ޖެހި 2 ދަރިވަރަކު މަރުވެއްޖެ
އިންޑިއާގެ ވެސްޓް ބެންގޯލްގެ މުރުޝީ ސަރަހައްދުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ދެ ދަރިވަރަކު މަރުވެއްޖެއެވެ. މިއަދު ހެނދުނު 7:00 ހާއިރު މިހާދިސާ ހިނގާފައިވަނީ ކާނަސުބަރްނާ ރޭލްވޭ ކްރޮސިންގް ހުރަސްކުރަމުން ދިޔަ ސްކޫލް ބަހެއްގައި ޕެސެންޖަރު ޓްރެއިނެއް ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގައި ޖުމްލަ ތިން މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ދެ ދަރިވަރުން ހިމެނެއެވެ.
މި ހާދިސާގައި ބަހުގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެކުދިންނަށް މިހާރު ދަނީ މުރުޝީ މެޑިކަލް ކޮލެޖް ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ. ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ބަސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، ހާދިސާ ހިނގި ވަގުތު ރޭލްވޭ ކްރޮސިންގްގެ ގޭޓް ހުރީ ހުޅުވާފައެވެ. އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ކުރިން ދިޔަ ރޭލަކަށްފަހު ގޭޓް ހުޅުވި ނަމަވެސް، ދެވަނަ ރޭލެއް އަންނަކަން އެނގި ހުރެ ގޭޓް އަލުން ބަންދުކޮށްފައި ނުވުމުގެ ސަބަބުން މި ހާދިސާ ހިނގަން މެދުވެރިވީއެވެ.
މި ހާދިސާއާ ގުޅިގެން ރޭލްވޭ ގޭޓް ބަލަހައްޓާ މީހާގެ އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުންނާއި ރޭލްވޭގެ އިސްވެރިން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިހާރު އެސަރަހައްދަށް އިސްވެރިން ގޮސްފައިވާއިރު، މިކަމާ ގުޅޭގޮތުން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
Ads by MACL
