ބުދަ، 18 ނޮވެމްބަރު 2026
ފިފާ ވޯލްޑް ކަޕް 2026

ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަން ޓީމަށް ރިންގު ދޭން ނިންމައިފި

ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަން ޓީމަށް ރިންގު ދޭން ނިންމައިފި

ފީފާ ވޯލްޑް ކަޕްގެ 96 އަހަރުވީ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ޚާއްޞަ "ޗެމްޕިއަންޝިޕް ރިންގު" ދިނުމަށް ފީފާއިން ނިންމައިފިއެވެ.

މި ރިންގުތައް ފުރަތަމަ ފަހަރަށް ހަވާލުކުރާނީ މިއަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ މެޗަށްފަހުގައެވެ.

މި ޚާއްޞަ ރިންގުގެ އެއްފަރާތުގައި ވޯލްޑް ކަޕް ތަށީގެ ބައްޓަން ހިމަނާފައިވާއިރު، އަނެއްފަރާތް ފަރުމާކުރާނީ މުބާރާތް ކާމިޔާބުކުރާ ޤައުމެއްގެ ރަމްޒުތައް ހިމަނައިގެންނެވެ.

ފީފާއިން ވަނީ މި ސިލްސިލާގެ ޖުމްލަ 2,026 ރިންގު އުފައްދާފައެވެ. މީގެ ތެރެއިން 30 ރިންގު މުބާރާތުގެ ކާމިޔާބުކުރާ ޓީމަށް ޚާއްޞަކުރެވިފައިވާއިރު، ބާކީ ހުރި 1,996 ރިންގު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުންނަށް ގަންނަން ލިބޭނެއެވެ.

ފައިނަލް މެޗު ނިމުމާއެކު ދަނޑުމަތީގައި ބާއްވާ ރަސްމިއްޔާތުގައި، މުބާރާތް ކާމިޔާބުކުރާ ޓީމުގެ ކެޕްޓަނާއި ހެޑް ކޯޗަށް ވަގުތީ ރިންގެއް ހަވާލުކުރެވޭނެއެވެ. އަދި ޗެމްޕިއަން ޓީމަށް ދޭން ނިންމާފައިވާ 30 ރިންގުގެ އަސްލު ފައިނަލް ބާވަތް ފަހުން އެ ކުޅުންތެރިންގެ އިނގިލީގެ މިންވަރަށް ބަލައި ވަކިވަކިން ތައްޔާރުކޮށް ރަސްމީކޮށް ހަވާލުކުރެވޭނެއެވެ.

މި ފަހަރުގެ ފައިނަލް މެޗަކީ ފުޓްބޯޅައިގެ ބޮޑު ސުރުޚީއަކަށް ވެފައިވަނީ، އުމުރުން 39 އަހަރުގެ ލިއޮނަލް މެސީ އާއި 19 އަހަރުގެ ލަމީން ޔަމާލް ފުރަތަމަ ފަހަރަށް ރަސްމީ މެޗެއްގައި ބައްދަލުކުރާތީއެވެ.

މީގެ އިތުރުން، 2008 ވަނަ އަހަރު ބޭއްވި ދަރުމަވެރި ފޮޓޯޝޫޓެއްގައި، އޭރު އުމުރުން 20 އަހަރުގެ މެސީ، ތުއްތު ޔަމާލް ގޮވައިގެން ކޭމްޕް ނޯ ގައި ނަގާފައިވާ ފޮޓޯއެއް ދާދިފަހުން ދައުރުވާން ފެށުމުން މި މެޗަށް އޮތް ޝައުޤުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފައިނަލަށް ދަތުރުކުރުމުގެ ގޮތުން އާޖެންޓީނާއިން ވަނީ ސެމީ ފައިނަލުގައި 2-1 އިން އިންގްލެންޑް ބަލިކޮށްފައެވެ. އަދި ސްޕެއިން ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ފްރާންސްގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ.

މި ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައެވެ.

ފިފާ ވޯލްޑް ކަޕް 2026

އިތުރަށް ←