ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: ޓްރަމްޕް

އެމެރިކާގެ އިންތިޚާބީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: ޓްރަމްޕް

އެމެރިކާގެ އިންތިޚާބީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ބުނެ ޓްރަމްޕް ގައުމާ މުޚާތަބުކުރައްވައިފިއެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚާއްސަ ތަގުރީރެއްގައި، އެމެރިކާގެ އިންތިޚާބީ ނިޒާމުގައި ސަލާމަތީ ގޮތުން ބޮޑެތި ނާޒުކު ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ، ސިއްރު ހިފެހެއްޓިފައިވާ ލިޔެކިޔުންތަކެއް ވަނި އާންމުކުރައްވައިފައެވެ.

ވައިޓް ހައުސްގެ އީސްޓް ރޫމްއިން ދެއްވި މި ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ބޭނުމަކީ އިލެކްޝަންތަކަށް އޮންނަ އިތުބާރު ކަނޑާލުން ނޫން ކަމަށާއި، ނަމަވެސް ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ވަރަށް އަވަހަށް އިސްލާހުކުރުން ކަމަށެވެ.

މި ތަގުރީރުގައި ޓްރަމްޕް ވަނީ ޗައިނާއިން އެމެރިކާގެ 220 މިލިއަން ވޯޓުލާ މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށާއި، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޗައިނާއިން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް، ޗައިނާއިން ވަނީ މި ތުހުމަތުތައް ވަގުތުން ދޮގުކޮށް، އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި އާންމުކުރި ލިޔެކިޔުންތަކުން ވެސް މީގެ ކުރިން ބޭއްވުނު އެއްވެސް އިންތިޚާބެއްގެ ނަތީޖާއަށް ބަދަލު އައިސްފައިވާ ފަދަ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.

މީގެ އިތުރުން، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ބެލި ބެލުމުން އެކި ސްޓޭޓްތަކުގެ ވޯޓާ ރޯލްތަކުގައި ވޯޓުލުމުގެ ހައްގު ނެތް 278,000 އަށްވުރެ ގިނަ ބޭރު ގައުމުތަކުގެ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ނެވާޑާ އަދި ޕެންސިލްވޭނިއާ ފަދަ ސްޓޭޓްތަކުގެ އިންތިޚާބީ އިދާރާތަކުން ވަނީ ޓްރަމްޕްގެ މި ވާހަކަތަކަށް ވަގުތުން ރައްދުދީ، މިއީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ.

ޓްރަމްޕްގެ މި ތަގުރީރާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ 24 ގަވަރުނަރަކު ގުޅިގެން ނެރުއްވި ބަޔާނެއްގައި، ޓްރަމްޕް މަސައްކަތް ކުރައްވަނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކަށް އޮތް އިތުބާރު ގެއްލުވާލަން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަތުމަށް ކުރާ ކޮންމެ ބާވަތެއްގެ ގާނޫނާ ޚިލާފު މަސައްކަތަކާ ދެކޮޅަށް ތެދުވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

އިންތިޚާބުގެ އިތުރުން ޓްރަމްޕްގެ މި ތަގުރީރުގައި އެމެރިކާގެ އިގްތިސާދީ ސިޔާސަތުތަކާއި އިމިގްރޭޝަން ކަންކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންފްލޭޝަންގެ އެންމެ ފަހުގެ ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އޭނާގެ ސަރުކާރުން ތައާރަފުކުރި "ޓްރަމްޕް އެކައުންޓްސް" ފަދަ އިގްތިސާދީ ހަރަކާތްތަކަށް ތައުރީފު ކުރެއްވި އިރު، އީރާނާއެކު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން ވާހަކަދެއްކެވީ ވަރަށް ކުރުކޮށެވެ.