ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކެނެޑާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ދުން ބުރާތީ އެމެރިކާއިން ކެނެޑާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރުދީފި

ކެނެޑާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ދުން ބުރާތީ އެމެރިކާއިން ކެނެޑާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރުދީފި

ކެނެޑާގެ އެކި ސަރަހައްދުތަކުގެ ޖަންގަލިތަކުގައި ފޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން އުފެދޭ ދުން އެމެރިކާގެ އެކި ސިޓީތަކަށް ފޯރަމުންދާ މައްސަލައިގައި، އެމެރިކާގެ ރައީސް އެ ގައުމުން އެތެރެކުރާ މުދަލަށް ނަގާ ޓެރިފް ނުވަތަ ޓެކްސް ބޮޑުކުރާނެކަމުގެ އިންޒާރު ދެއްވައިފިއެވެ.

ކެނެޑާގެ ޖަންގަލިތަކުގެ ބެލެހެއްޓުންތެރިކަން ދަށްވުމުގެ ސަބަބުން މިފަދަ ހާދިސާތައް ތަކުރާރުވާކަމަށް ތުހުމަތުކުރައްވައި، ރައީސް ޓްރަމްޕް ވިދާޅުވީ ވައި ނުސާފުވުމުގެ ސަބަބުން އެމެރިކާއަށް ލިބޭ ގެއްލުންތަކުގެ ބަދަލު ކެނެޑާއިން ދޭންޖެހޭނެ ކަމަށެވެ.

ކެނެޑާގެ ޖަންގަލިތަކުގައި މިވަގުތުވެސް 896 އަލިފާންގަނޑު ރޯވެފައިވާ އިރު، އޭގެ ތެރެއިން 200 އެއްހާ އަލިފާންގަނޑު ހުރީ އޮންޓޭރިއޯ ޕްރޮވިންސްގައެވެ. މި ހާދިސާތަކުގެ ސަބަބުން 10 އަށްވުރެ ގިނަ މުޖުތަމައުތައް މިހާރުވެސް ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ވިދާޅުވީ މިކަމަކީ ކެނެޑާގެ ސަރުކާރުގެ އިހުމާލުން ހިނގާ ކަމެއް ކަމަށާއި، މިކަމުގެ ޒިންމާ ކެނެޑާއިން އުފުލަންޖެހޭނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރަށް ގުޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް އިތުރަށް ހާމަކުރެއްވީ، މިކަމުން އެމެރިކާއަށް ލިބޭ މާލީ ބޮޑެތި ގެއްލުންތައް ކެނެޑާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފްގެ ތެރެއަށް އިތުރުކުރައްވާނެ ކަމަށެވެ. މިއީ އެމެރިކާގެ ރައީސް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެހެން ގައުމުތަކުގެ ސިޔާސަތުތަކަށް ބަދަލު ގެނައުމަށްޓަކައި ޓެރިފްގެ ބޭނުން ހިއްޕަވާ ފުރަތަމަ ފަހަރެއް ނޫނެވެ.

މި ދުންތަކުގެ ސަބަބުން ކުރިއަށް އޮތް ހަފުތާ ބަންދުގައި ނިއުޖާޒީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށްވެސް ބުރޫ އަރާފާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަންގަލިތަކުގައި ރޯވާ އަލިފާންގަނޑުތައް އިތުރުވާކަމަށް ސައިންސްވެރިން ބުނަމުންދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ދައްކަވަމުން ގެންދަވަނީ ޖަންގަލިތައް ސާފުކުރުމާއި ބެލެހެއްޓުމުގައި ކެނެޑާއިން ފޭލްވެފައިވާ ކަމުގެ ވާހަކައެވެ.