ނިއުޔޯކްގައި ފެތުރެމުންދާ ލެޖިއޮނެއާސް ބަލީގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
އެމެރިކާގެ ނިއުޔޯކް ސިޓީގެ އަޕަރ އީސްޓް ސައިޑް ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ލެޖިއޮނެއާސް ބަލީގައި (Legionnaires‘ disease) ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ ކަމަށް އެ ސިޓީގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.
މި މަހުގެ ކުރީކޮޅުން ފެށިގެން ފެތުރެން ފެށި މި ބަލީގައި މިހާތަނަށް 67 އަށް ވުރެ ގިނަ މީހުން ވަނީ ބަލިވެފައެވެ. ނަމަވެސް ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ.
މި ބަލީގައި މަރުވި މީހާގެ ނަމާއި އޭނާއާ ބެހޭ އެއްވެސް އިތުރު ތަފްސީލެއް ސިއްހީ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނިއުޔޯކް ސިޓީގެ ހެލްތު ކޮމިޝަނަރު ޑރ. އެލިސްޓާ އެފް. މާޓިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަޕަރ އީސްޓް ސައިޑް ސަރަހައްދުން ފެނުނު ލެޖިއޮނެއާސް ކްލަސްޓާއާ ގުޅިގެން މީހަކު މަރުވި ޚަބަރު އެއްސެވީ ފުން ހިތާމައަކާއެކު ކަމަށާއި، މަރުވި މީހާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.
Ads by BMLނިއުޔޯކް ސިޓީގެ ހެލްތު ޑިޕާޓްމަންޓުން އަދިވެސް ދަނީ މި ބަލި ފެތުރެން މެދުވެރިވި އަސްލު މަސްދަރު ނުވަތަ ބަލީގެ ޖަރާސީމު އުފެދުނު ތަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ބަލިޖެހުނު މީހުންގެ ތެރެއިން ބާރަ މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެންމެ ފަހުގެ ރިޕޯޓުތައް ބުނެއެވެ.
Ads by MACL
