ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޑީއާރު ކޮންގޯގައި އިބޯލާ ބާރަށް ފެތުރެނީ، ޔުގެންޑާ ވައިރަހުން ސަލާމަތްވުމާ ގާތަށް

ޑީއާރު ކޮންގޯގައި އިބޯލާ ބާރަށް ފެތުރެނީ، ޔުގެންޑާ ވައިރަހުން ސަލާމަތްވުމާ ގާތަށް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގައި އިބޯލާ ވައިރަސް ކުރީގެ އެހެން އެއްވެސް ފެތުރުމަކަށް ވުރެ މާ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ދީފިއެވެ.

ނަމަވެސް، އަވަށްޓެރި ޔުގެންޑާއިން ވަނީ އެ ގައުމުގައި ފަރުވާ ހޯދަމުންދިޔަ އެންމެ ފަހު އިބޯލާ ބަލިމީހާ ދޫކޮށްލާފައި ކަމަށްވުމުން، އެ ގައުމަކީ އިބޯލާއިން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅުމާ ގާތަށް ގޮސްފައެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔޭސަސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، 2018 އިން 2020 އަށް ޑީއާރު ކޮންގޯގައި ފެތުރުނު އިބޯލާ ރޯގާގައި 2,000 ކޭސް ރިޕޯޓްކުރުމަށް 10 މަހަށް ވުރެ ގިނަ ދުވަސް ނެގި ނަމަވެސް، މިފަހަރު އެ އަދަދަށް ކޭސްތައް އިތުރުވާން ނެގީ އެންމެ ދެ މަސް ދުވަސް ކަމަށެވެ. މިއީ ތާރީޚުގައިވެސް ރިޕޯޓްކުރެވުނު ތިންވަނައަށް އެންމެ ބޮޑު އިބޯލާގެ ފެތުރުން ކަމަށާއި، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑީއާރު ކޮންގޯއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2,124 އަށް އަރާފައެވެ. އެ ގައުމުގެ އިރުމަތީ ޕްރޮވިންސްތައް ކަމަށްވާ އިތޫރީ އާއި ނޯތު ކީވޫ އިން އެކަނިވެސް ގިނަ އަދަދެއްގެ އާ ކޭސްތައް ދަނީ ފެންނަމުންނެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ލަފާކުރާ ގޮތުގައި އަސްލު ބަލިޖެހިފައިވާ މީހުންގެ އަދަދު ރަސްމީ ހިސާބުތަކަށް ވުރެ ދެގުނަ އިތުރުވުން އެކަށީގެންވެއެވެ.

މި ފަހަރުގެ އިބޯލާ ފެތުރުން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހު، ހަތިޔާރު އެޅި ޖަމާއަތްތަކުން ހަރަކާތްތެރިވާ އިތޫރީ ޕްރޮވިންސްއިން ފެނުނު މަރުތަކާ ގުޅިގެންނެވެ. ޖިސްމާނީ ގާތްކަމާއި ހަށިގަނޑުން ބޭރުވާ ދިޔަވަރުގެ ޒަރީއާއިން ފެތުރޭ މި ބަލީގެ އާ ކޭސްތަކުގެ ތެރެއިން 80 އިންސައްތައަށް ވުރެ ގިނަ ކޭސް ފެންނަނީ ކުރިން އެނގިފައިވާ ކޮންޓެކްޓް ލިސްޓުން ބޭރުން ކަމަށްވުމުން، ބަލި ފެތުރޭ ގޮތް ދެނެގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި، ޑީއާރު ކޮންގޯގެ ސިއްހީ އެހީތެރިން ވަނީ މުސާރައާއި އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ހަޅުތާލުކުރަން ފަށާފައެވެ. ބަލި ފެތުރުނު ފަހުން އެއްވެސް ބަދަލެއް ނުލިބި، ނުރައްކާތެރި ހާލަތްތަކެއްގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ބުނެ، ބުނިއާ ޖެނެރަލް ހޮސްޕިޓަލްގެ ދޮރުތައް ސިއްހީ މުވައްޒަފުން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، ޑަބްލިއުއެޗްއޯގެ ވެރިޔާ ވިދާޅުވީ ކުރިއާލާ ބަލި ދެނެގަނެވި ސަލާމަތީ ފިޔަވަޅުތަކާއެކު ފަރުވާ ދެވިއްޖެނަމަ މިއީ ސަލާމަތްވެވިދާނެ ބައްޔެއް ކަމަށެވެ.

އަނެއްކޮޅުން ޔުގެންޑާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ފަރުވާ ހޯދަމުންދިޔަ އެންމެ ފަހު ކޮންގޯގެ ރައްޔިތަކު ބަލިން ފަސޭހަވެގެން ބުރާސްފަތި ދުވަހު ވަނީ ދޫކޮށްލާފައެވެ. މިއާއެކު، ޔުގެންޑާއިން ވަނީ ބަލިން ސަލާމަތްވިކަން އިއުލާންކުރުމަށް ބޭނުންވާ 42 ދުވަހުގެ ކައުންޓްޑައުން ފަށާފައެވެ.

މެއި މަހުގެ މެދުތެރެއިން ފެށިގެން ޔުގެންޑާއިން އިބޯލާގެ 'ބުންޑިބުގްޔޯ' ސްޓްރެއިންގެ 20 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން 15 މީހުންނަކީ ޑީއާރު ކޮންގޯއިން ބަލިޖެހިގެން އެ ގައުމަށް ދަތުރުކުރި މީހުންނެވެ.

ޔުގެންޑާއިން އެންމެ ފަހުން އާ ކޭހެއް ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ކުރިއަށް އޮތް 42 ދުވަހުގެ ތެރޭގައި އިތުރު ކޭހެއް ނުފެނިއްޖެނަމަ، ޑަބްލިއުއެޗްއޯގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޔުގެންޑާއަކީ އިބޯލާއިން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅޭނެއެވެ.