ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މަސްތުވާތަކެއްޗާ ދެކޮޅަށް ރެޑް ކާޑު ދައްކައިގެން ރާޖަގިރީ ޕަބްލިކް ސްކޫލުން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ރެޑް ކާޑު ދައްކައިގެން ރާޖަގިރީ ޕަބްލިކް ސްކޫލުން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

އިންޑިއާގެ ކޮޗިންގައި ހުންނަ ރާޖަގިރީ ޕަބްލިކް ސްކޫލުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި "ރެޑް ކާޑު" ކެމްޕޭނެއްގެ ތެރެއިން، އެއްވަގުތެއްގައި އެންމެ ގިނަ މީހުން މަސްތުވާތަކެއްޗާ ދެކޮޅަށް ރަތް ކާޑު ދެއްކުމުގެ ޔުނިވަރސަލް ރެކޯޑް ފޯރަމް (ޔޫ.އާރް.އެފް) ގެ ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފިއެވެ.

"އޮޕަރޭޝަން ތޫފާން" ގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ އެ ސްކޫލުގެ ކުޅިވަރު ދަނޑުގައެވެ.

މި ހަރަކާތުގައި އެ ސްކޫލުގެ ދަރިވަރުން، ބެލެނިވެރިން، މުދައްރިސުން އަދި އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 3،234 މީހުން ބައިވެރިވެ، އެއްވަގުތެއްގައި ރަތް ކާޑު އުފުލާލާފައިވެއެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށާއި، ދިރިއުޅުމުގެ މައިދާނުން މަސްތުވާތަކެތި ބޭރުކޮށްލުމުގެ ރަމްޒީ ހަރަކާތެކެވެ.

ފީފާ ވޯލްޑް ކަޕުން އިންސްޕަޔަރ ވެގެން ފުޓްބޯޅަ ތީމަކަށް ކުރިއަށްގެންދިޔަ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އެ ގައުމުގެ ފިޝަރީޒް އެންޑް ޝޯޝަލް ޖަސްޓިސް މިނިސްޓަރު ވީ. އީ. އަބްދުލް ޣަފޫރެވެ. އޭނާ ވަނީ މި ރެކޯޑުގެ ސެޓްފިކެޓް ސްކޫލުގެ ޕްރިންސިޕަލް ފްރާންސިސް މާޓިން މުންޑަދަންއާ ހަވާލުކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ސަރުކާރުން ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތްތަކަށް ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވައި، ރާޖަގިރީ ޕަބްލިކް ސްކޫލުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ.

މި ހަރަކާތުގެ ތެރެއިން ދަރިވަރުން އިސްނަގައިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ފްލޭޝް މޮބެއް ކުރިއަށްގެންގޮސްފައިވާއިރު، "މިލިއަން ގޯލްސް ފޯ ތޫފާން" ގެ ނަމުގައި ރަމްޒީގޮތުން ލަނޑު ޖެހުމުގެ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ. އެގޮތުން މިނިސްޓަރުވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރަމްޒީ ލަނޑެއް ޖައްސަވައިދެއްވާފައެވެ.