ޔޫކޭގެ ސްޓްރީމިންގ ޗާޓުގެ ގަދަ 10 އިން ޝަކީރާ ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި
ލަވަކިޔުންތެރިޔާ ޝަކީރާ އާއި ބާނާ ބޯއި ގުޅިގެން ކިޔާފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ އެންތަމް "ޑައި ޑައި" އިނގިރޭސިވިލާތުގެ (ޔޫކޭ) އޮފިޝަލް ސްޓްރީމިންގ ޗާޓުގެ 7 ވަނައަށް ޖެހިލައި، އޭނާގެ މިއުޒިކީ ހަޔާތުގައި ފުރަތަމަ ފަހަރަށް އެ ޗާޓުގެ ގަދަ 10 އިން ޖާގައެއް ކަށަވަރުކޮށްފިއެވެ.
ވޯލްޑް ކަޕްގެ ފޯރިގަދަވަމުންދާ ވަރަކަށް މި ލަވަޔަށް ލިބޭ ތަރުހީބު ބޮޑުވަމުންދާއިރު، މިއީ ޝަކީރާގެ ލަވައެއް ޔޫކޭގެ ސްޓްރީމިންގ ޗާޓުގެ މިހާ މަތީ މަގާމަކަށް ދިޔަ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ޝަކީރާގެ ފަސް ލަވައެއް ޔޫކޭގެ ސްޓްރީމިންގ ޗާޓަށް އަރާފައިވީ ނަމަވެސް، އޭގެ ތެރެއިން އެއްވެސް ލަވައަކަށް ގަދަ 10 އަކާ ގާތަށްވެސް ދެވިފައެއް ނުވެއެވެ.
Ads by BMLމީގެ ކުރިން އޭނާއަށް އެ ޗާޓުން ލިބުނު އެންމެ މަތީ ކާމިޔާބީއަކީ 2023 ވަނަ އަހަރު ބިޒަރެޕްއާއެކު ނެރުނު ލަވައިން ހޯދި 26 ވަނަ މަގާމެވެ.
ސްޓްރީމިންގ ޗާޓުގެ އިތުރުން، ޔޫކޭގެ މައި ލަވަތައް ހިމެނޭ "އޮފިޝަލް ސިންގަލްސް ޗާޓް" ގައިވެސް މި ލަވަ ވަނީ 18 ވަނައިން 13 ވަނައަށް ކުރިއަށް ޖެހިލާފައެވެ.
މިއީ 2014 ވަނަ އަހަރު ރިއާނާއާއެކު ނެރުނު ލަވައަށްފަހު، ޝަކީރާގެ އާ ލަވައެއް ޔޫކޭގެ މައި ސިންގަލްސް ޗާޓުގެ މިހާ ކުރިއަށް ޖެހިލި ފުރަތަމަ ފަހަރެވެ.
މި ލަވައާއެކު ޝަކީރާއަށް އާ ކާމިޔާބީއެއް ލިބުނު ނަމަވެސް، ލަވައިގައި ބައިވެރިވާ ބާނާ ބޯއި އަކީ މީގެ ކުރިންވެސް ޔޫކޭގެ ސްޓްރީމިންގ ޗާޓުގެ ގަދަ 10 އެއްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާ މީގެ ކުރިން ކިޔާފައިވާ ބައެއް މަގްބޫލު ލަވަތައް ޗާޓުގެ ދެވަނަ އަދި ހަތަރުވަނަޔާ ހަމައަށްވެސް ދަތުރުކޮށްފައިވެއެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ ފޯރިއާއެކު ޝަކީރާގެ އާ އެންތަމްގެ މަގްބޫލުކަން އިތުރުވަމުންދާއިރު، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އޭނާ ކިޔައިދިން މަޝްހޫރު ލަވަ "ވޭކާ ވޭކާ" އަށް ލިބޭ ތަރުހީބުވެސް ޔޫކޭގެ އެކި ޗާޓުތަކުގައި މި ދުވަސްވަރު އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ.
Ads by MACL
