ނިއުޔޯކަށް ނަތަންޔާހޫ ވަޑައިގެންފިނަމަ ހައްޔަރުކުރެވޭނެ ގޮތެއް ހޯދަނީ: މަމްދާނީ
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސެޕްޓެމްބަރު މަހު ނިއުޔޯކަށް ވަޑައިގެންފިނަމަ، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން އޭނާ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒުކުރެވޭނެ ޤާނޫނީ މަގެއް ހޯދުމުގެ މަސައްކަތް ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ނިއުޔޯކް ޓައިމްސްގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން މަމްދާނީ ވިދާޅުވީ، މި މައްސަލައިގައި އޭނާގެ ޤާނޫނީ ޓީމާއެކު ހަލުވިކަމާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މޭޔަރުކަމުގެ ކެމްޕެއިނުގެ ތެރޭގައި ވެސް އޭނާ ވަނީ މިފަދަ ފިޔަވަޅެއް އެޅުމަށް ރައްޔިތުންނަށް ވައުދުވެފައެވެ.
ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ކަނޑައަޅައި ދައުވާ އުފުލާފައިވާ ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށާއި، އޭނާގެ ޤާނޫނީ ހައްޤު ތަނަކީ ދަ ހޭގް ކަމަށް ވެސް މަމްދާނީ ތަކުރާރުކޮށް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަމްދާނީ ވަނީ، ޤާނޫނީ ދާއިރާގެ ތެރެއިން ނޫން ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ އޭނާގެ ޝައުޤުވެރިކަމެއް ނޫން ކަމަށް ވިދާޅުވެ، ހުރިހާ ކަމެއް ވެސް ކުރާނީ ޤާނޫނާ އެއްގޮތަށް ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ގަތުލުޢާންމެއްގެ ގޮތުގައި ސިފަކުރައްވައި މަމްދާނީ މި ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، އޭނާގެ މި ވާހަކަތަކަކީ "ސިޔާސީ ޑްރާމާއެއް" ކަމަށް އެމެރިކާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު މައިކް ވޯލްޓްޒް ވަނީ ސިފަކުރައްވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހިނގި ހަމަލާތަކާ ގުޅިގެން 2024 ވަނަ އަހަރު ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން ނަތަންޔާހޫ ހައްޔަރުކުރަން އަމުރު ނެރުނު ނަމަވެސް، އެމެރިކާ ސަރުކާރުން އަންނަނީ އެ އަމުރާ ދެކޮޅަށް ފިޔަވަޅުތައް އަޅައި، އެ ކޯޓުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންނެވެ.
Ads by MACL
