ބުދަ، 18 ނޮވެމްބަރު 2026
ފިފާ ވޯލްޑް ކަޕް 2026

ބިނދިފައިވާ އިނގިއްޔަކާއެކު މާޓިނޭޒް ވޯލްޑް ކަޕް ފައިނަލަށް: ހިތްވަރުގަދަ ވާހަކައެއް

އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ----
އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ----

އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅެމުންދަނީ އޭނާގެ ކަނާތު އަތުގެ ރިންގ ފިންގަރުގެ ކަށިގަނޑު ބިނދިފައިވާ ހާލަތެއްގައި ކަމަށް އިއުތިރާފުވެއްޖެއެވެ.

އުމުރުން 33 އަހަރުގެ މާޓިނޭޒްއަށް މި އަނިޔާ ލިބިފައިވަނީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އިސްތަންބުލްގައި އެސްޓަން ވިލާ އާއި ފްރައިބާގް ބައްދަލުކުރި ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގެ ވޯމްއަޕްގެ ތެރޭގައެވެ. އެ އަނިޔާއާއެކު ވެސް އޭނާ ވަނީ އެދުވަހު 3-0 އިން ފްރައިބާގް ބަލިކޮށް، 30 އަހަރަށް ފަހު އެސްޓަން ވިލާއަށް ފުރަތަމަ ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި އަނިޔާގެ ސަބަބުން މާޓިނޭޒްގެ ވޯލްޑް ކަޕްގެ ފުރުސަތު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޖެއެވެ. ޑޮކްޓަރުން އޭނާއަށް ލަފާދިނީ އޮޕަރޭޝަނެއް ކުރުމަށެވެ. ނަމަވެސް އޮޕަރޭޝަން ކޮށްފިނަމަ މުބާރާތުގެ ގްރޫޕް ސްޓޭޖް މުޅިން ގެއްލޭނެތީ، މާޓިނޭޒް ނިންމީ އޮޕަރޭޝަން ނުކޮށް ކުޅުމަށެވެ. މެޓްލައިފް ސްޓޭޑިއަމްގައި އޮތް ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނީ، އަދިވެސް އަތަށް ތަދުވާ ކަމަށާއި، ރިހުން ހުންނާނެކަން އެނގިހުރެ އޮޕަރޭޝަނުން ސަލާމަތްވުމަށްޓަކައި އިނގިރޭސިވިލާތާއި އެމެރިކާގެ އިތުރުން އެހެން ގައުމުތަކުގެ އަތުގެ ޚާއްސަ ސްޕެޝަލިސްޓުންނާ މަޝްވަރާކުރި ކަމަށެވެ.

ކްލަބާއެކު ތަށި ހޯދުމަށްފަހު ޑޮކްޓަރުން ބުނަމުންދިޔައީ އޭނާއަށް ވޯލްޑް ކަޕް ގެއްލޭނެ ކަމަށެވެ. އަދި މުބާރާތުގެ ކުރީކޮޅު އާޖެންޓީނާ ޓީމާއެކު ފުރިހަމައަށް ޓްރޭނިންގ ހެދުމުގެ ފުރުސަތެއް ވެސް މާޓިނޭޒްއަކަށް ނުލިބުނެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ވޯލްޑް ކަޕްގެ ކުރީކޮޅު ހޭދަކުރީ އެއް އަތުގައި ސްޕްލިންޓް އަޅައިގެންނެވެ. އެހެންނަމަވެސް، ހިތްވަރާއެކު ނުކުމެ އުތުރު އެމެރިކާގައި ކުރިއަށްދާ މި ވޯލްޑް ކަޕްގެ ހަތް މެޗުގައި ވެސް އޭނާ ވަނީ ކުޅެފައެވެ.

މާޓިނޭޒް ހާމަކުރި ގޮތުގައި މުބާރާތުގައި އިޖިޕްޓާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޭނާ ވަނީ ވަރަށް އާދައިގެ ގޮތަކަށް ޓްރޭނިންގތަކުގައި ބައިވެރިވާން ފަށާފައެވެ. އަދި މިހާރު އަނިޔާގެ ވާހަކަ ހަނދާން ނައްތާލައިފި ކަމަށާއި، ހާލަތު ވަރަށް ރަނގަޅު ކަމަށް އޭނާ ބުންޏެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ބަތަލަކަށް ވި މާޓިނޭޒް ބުނީ، އޭނާ ބޭނުންވަނީ އަމިއްލަ ފަސްގަނޑަށްވުރެ ޓީމުގެ އެހެން ކުޅުންތެރިން ވިދާލުން ކަމަށެވެ. ގޯލްކީޕަރުންނަކީ ލަނޑު ނުޖަހާ، އަދި އުފާފާޅުނުކުރާ ހަމައެކަނި ބައި ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، އޭނާގެ ކޯޗު ފޮނުވި މެސެޖަކާ ބެހޭގޮތުން މާޓިނޭޒް ބުނީ، ކޯޗު ބޭނުންވީ އޭނާގެ އަނިޔާގެ ހާލަތަށްވުރެ ބޮޑަށް އޭނާ ޓީމުގައި ހުރުން ކަމަށެވެ. އެ މެސެޖަކީ ޕެނަލްޓީތައް މަތަކޮށްގެން ޚަބަރުތަކުގެ ފަލަ ސުރުޚީއަށް އެރުމަށްވުރެ މާ މުހިންމު އެއްޗެއްގެ ގޮތުގައި މާޓިނޭޒް ސިފަކުރިއެވެ. އޭނާ ބުނީ ގަތަރު ވޯލްޑް ކަޕަށްވުރެ ބޮޑަށް މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ އުފާކުރާ ކަމަށެވެ.

އާޖެންޓީނާ މިރޭ ނިކުންނާނީ ސްޕެއިނާ ދެކޮޅަށް ކުޅޭ މުބާރާތުގެ ފައިނަލުން މޮޅުވެ މުބާތާތުގެ ތަށި އުފުލާލާށެވެ.

 

ފިފާ ވޯލްޑް ކަޕް 2026

އިތުރަށް ←