ބުދަ، 18 ނޮވެމްބަރު 2026
ފިފާ ވޯލްޑް ކަޕް 2026

"ރަން މެޑަލާ އެއްވަރު": މެސީ ދިން ނަސޭހަތާ ބެހޭ ގޮތުން ޔަމާލް

ފައިނަލް މެޗަށްފަހު ދެކުޅުންތެރިން ----
ފައިނަލް މެޗަށްފަހު ދެކުޅުންތެރިން ----

ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަށް ފަހު ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނެލް މެސީ ދިން ނަސޭހަތުގެ ވާހަކަ ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ހިއްސާކޮށްފިއެވެ.

ނިއު ޔޯކްގައި އާދިއްތަ ދުވަހު ކުޅުނު ސްޕެއިން އަދި އާޖެންޓީނާގެ ފައިނަލް މެޗުން 1-0 އިން ސްޕެއިން މޮޅުވި މެޗަށް ފަހު، ޔަމާލް ވަނީ އުމުރުން އެންމެ 19 އަހަރުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ. މެޗު ނިމުމާއެކު ދެ ކުޅުންތެރިންގެ ދެމެދުގައި ވާހަކަތަކެއް ބަދަލުކުރެވުނުއިރު، ޔަމާލް ވަނީ މެސީއަށް ހިތްވަރުދީފައެވެ.

އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ޔަމާލް ބުނީ، އޭނާގެ އަމިއްލަ މަގުގައި ކުރިއަށް ދިއުމަށާއި، މުސްތަގުބަލް އޮތީ އެ މީހުންގެ ޖީލަށް ކަމަށް މެސީ ބުނެފައިވާ ކަމަށެވެ. އަދި މެސީ ބުނި އެ ބަސްތަކުގެ އަގު އޭނާގެ ކަރުގައި އޮތް ރަން މެޑަލާ އެއްވަރު ކަމަށްވެސް ޔަމާލް ފާހަގަކުރިއެވެ.

ޔަމާލް ވަނީ މެސީއަކީ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ސިފަކޮށް، އޭނާއަށް އަބަދުވެސް ބޮޑު އިހްތިރާމެއް ކުރާ ކަމަށް ބުނެފައެވެ. އަދި މެޗު ނިމުމުން މެސީގެ ފަރާތުންވެސް އެފަދަ އިހްތިރާމެއް ފެނިގެންދިޔަކަން އޭނާ ފާހަގަކުރިއެވެ.

މި މެޗުން ބަލިވުމާ ގުޅިގެން މެސީ ހުރީ ލޮލުން ކަރުނަ ފާބައިފައިވާ ހާލަތެއްގައި ކަމަށްވާއިރު، ސޯޝަލް މީޑިއާގައި އޭނާ ވަނީ މިއީ ވަރަށް ވޭންދެނިވި ނަތީޖާއެއް ކަމަށް ބުނެފައެވެ.

މި ވޯލްޑް ކަޕް ކާމިޔާބީއާއެކު ޔަމާލްގެ ކެރިއަރުގައި މިހާތަނަށް ނުލިބި ބާކީ އޮތީ ޗެމްޕިއަންސް ލީގު ތަށި އެކަންޏެވެ. އޭނާ ވަނީ ބާސެލޯނާއާއެކު ލަ ލީގާ އާއި ކޮޕަ ޑެލް ރޭ، އަދި ސްޕެއިންގެ ގައުމީ ޓީމާއެކު ޔޫރޯ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

 

ފިފާ ވޯލްޑް ކަޕް 2026

އިތުރަށް ←