ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހަނގުރާމަ ފުޅާވެއްޖެ، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް!

ހަނގުރާމަ ފުޅާވެއްޖެ، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް!

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފުޅާވެ، މެދުއިރުމަތީގެ ހަކަތައިގެ ވިޔަފާރިއަށް ބުރޫއެރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އުފުލިއްޖެއެވެ.

ޕާޝިއަން ގަލްފުން ފެށިގެން ރަތް ކަނޑާ ހަމައަށް ހަނގުރާމަ ފުޅާވަމުންދާތީ، ބައިނަލްއަޤްވާމީ ހަކަތައިގެ ބާޒާރުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ޔަމަނުގެ ހޫޘީން ވަނީ ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ދެ ބޯޓަކަށް ޑްރޯންއާއި މިސައިލުން ހަމަލާދީފައިކަމަށް ބުނެފައެވެ. ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ސައުދީ އަރަބިއްޔާއަށް ރަތް ކަނޑު ބޭނުންނުކުރެވިއްޖެނަމަ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ހަތަރު އިންސައްތަ މަދުވެގެންދާނެއެވެ.

މިހާރު ބްރެންޓް ސާފުނުކުރާ ތެލުގެ އަގު ހުރީ ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށްވުރެ 40 އިންސައްތަ މަތީގައެވެ. ހޯމޫޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާނުގެ ކުރިމަތިލުންތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މީގެ ސަބަބުން އެމެރިކާގެ ބާޒާރުގައިވެސް ތެޔޮ ފީފާއެއްގެ އަގު ވަނީ 91 ޑޮލަރަށް އުފުލިފައެވެ.

ތެލުގެ އަގު މައްޗަށް ދިއުމުގެ އިތުރުން، ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ޕެޓްރޯލާއި ޑީސަލްގެ އަގުވެސް ދަނީ އުފުލެމުންނެވެ. ޔުކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދިން ހަމަލާތަކާ ގުޅިގެން، ރަޝިޔާއިން ވަނީ އެ ޤައުމުގެ އެތެރޭގެ ބޭނުންތަކަށް ޑީސަލް ރައްކާކުރުމުގެ ގޮތުން ޑީސަލް އެކްސްޕޯޓުކުރުން ހުއްޓާލާފައެވެ. މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.