އީރާނަށް އެކަށީގެންވާ އަދަބެއް ނުލިބޭ، މިހާތަނަށް ނުދޭވަރުގެ ބޮޑު ހަމަލާއެއް ދޭން އެބަ ވިސްނަން: ޓްރަމްޕް
އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ސީރިއަސްކޮށް ވިސްނަވަމުން ގެންދަވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.
އެކްސިއޯސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕު ވިދާޅުވީ އީރާނަށް އަދިވެސް އެކަށީގެންވާ ވަރަށް އަދަބު ލިބިފައިނުވާކަމަށެވެ. ޓްރަމްޕް ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދޭހާ ވަރުގަދަ ހަމަލާއެއް ދިނުމާމެދު ގޮތެއް ނިންމެވުމާ ގާތަށް ވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް އެމެރިކާ ފުރިހަމައަށް ތައްޔާރުވެފައިވާކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މިފަދަ ނިންމުމެއްގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކަށް އެއްބަސްވެވަޑައިގަންނަވަމުން، ޓްރަމްޕް ވިދާޅުވީ އަދި މުޅިން ފަހުގެ ނިންމުމެއް ނިންމަވާފައި ނުވާކަމަށާއި ވަކި މުއްދަތެއްވެސް ކަނޑައަޅުއްވާފައި ނުވާކަމަށެވެ. މީގެ އިތުރުން، އޭނާ އެދިވަޑައިގެންފިނަމަ އިސްރާއީލުން ވަގުތުން މި ހަމަލާތަކުގައި ބައިވެރިވާނެކަމަށާއި، ނަމަވެސް އެމެރިކާއަށް އެހެން ބައެއްގެ އެހީތެރިކަން ބޭނުންނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
Ads by BMLއިސްރާއީލުން މި ހަމަލާތަކުގައި ބައިވެރިވެއްޖެނަމަ އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެކަމަށް ޓްރަމްޕް ވިދާޅުވިއިރު، މިއީ އީރާނުން އިސްރާއީލަށް ދީފާނެ ރައްދު ހަމަލާއަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅެއްކަމަށް ބެލެވެއެވެ. އަދި އީރާނުގެ އިސްވެރިން އެމެރިކާއާއެކު މަޝްވަރާކުރަން ބޭނުންވި ނަމަވެސް، އެއްބަސްވުމަކަށް އައުމަށް އެ ފަރާތްތައް އަދި ތައްޔާރުނޫންކަމަށްވެސް އެމެރިކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.
Ads by MACL
