ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލަށް ފިޔަވަޅު އެޅުމަށް އިނގިރޭސި 70 އަށްވުރެ ގިނަ މަޖިލިސް މެންބަރުން ބޮޑުވަޒީރަށް ސިޓީއެއް ފޮނުވައިފި

އިސްރާއީލަށް ފިޔަވަޅު އެޅުމަށް އިނގިރޭސި 70 އަށްވުރެ ގިނަ މަޖިލިސް މެންބަރުން ބޮޑުވަޒީރަށް ސިޓީއެއް ފޮނުވައިފި

އދ. ގެ މިނިވަން ކޮމިޝަނެއްގެ ހޯދުންތައް ބަލައިގަނެ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ 70 އަށްވުރެ ގިނަ މެމްބަރުން އެ ޤައުމުގެ އާ ބޮޑުވަޒީރު އެންޑީ ބަރންހަމްއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ފާއިތުވި މަހު އާންމުކުރި އދ. ގެ ރިޕޯޓުގައި އިސްރާއީލުން ގަސްތުގައި ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދެމުންދާކަމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޖުލައި މަހު ބައިނަލްއަޤްވާމީ ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ ލަފާދޭ ރައުޔަށް އަމަލުކުރުމަށްވެސް މެމްބަރުންގެ ސިޓީގައި ބޮޑުވަޒީރަށް ވަނީ ގޮވާލައްވާފައެވެ. އައިސީޖޭއިން ކަނޑައަޅާފައިވަނީ ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި، އެ ބިންތަކުން ވަގުތުން ފޭބުމަށާއި، އާބާދީތައް ނައްތާލުމަށާއި، ގެއްލުންވި ފަރާތްތަކަށް ބަދަލުދިނުމުގެ އިތުރުން ގެދޮރު ގެއްލިފައިވާ މީހުން އަނބުރާ ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށެވެ.

މިކަމާ ގުޅިގެން އިސްރާއީލަށް ހަތިޔާރު ވިއްކުން އެއްކޮށް މަނާކުރުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި، އަދި އިސްރާއީލުގެ އާބާދީތަކަށް އެހީތެރިވެދޭ ވިޔަފާރިތައް މަނާކުރުމަށް އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުން ދަނީ ގޮވާލައްވަމުންނެވެ. އައިސީޖޭއިންވެސް ވަނީ އިސްރާއީލުގެ މި އަމަލުތަކަށް އެއްވެސް ޤައުމަކުން އެހީތެރިކަން ފޯރުކޮށްނުދިނުމަށް އަންގާފައެވެ. އެހެންކަމުން މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އިނގިރޭސިވިލާތުން މި ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ލާޒިމުކަމެކެވެ.

މި ސިޓީއަށް މަރުހަބާ ވިދާޅުވަމުން ފަލަސްޠީން ސޮލިޑަރިޓީ ކެމްޕެއިންގެ ނައިބު ޑިރެކްޓަރު ޕީޓަރ ލިއަރީ ވިދާޅުވެފައިވަނީ، އިނގިރޭސި ސަރުކާރުން ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި އައިސީޖޭގެ ނިންމުންތަކަށް ގަސްތުގައި ފަރުވާކުޑަކޮށް، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަށް އެހީތެރިވަމުންދާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި އާ ސަރުކާރުން މިކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.