ސައުދީގެ ތެޔޮ ކުންފުނި އަރާމްކޯގެ މަރުކަޒުތަކަށާއި ތެޔޮ އުފުލާ ބޯޓުފަހަރަށް ހަމަލާދޭނެކަމުގެ އިންޒާރު ހޫޘީން ދީފި
ޔަމަނުގެ މައްޗަށް އަޅާފައިވާ ހުރަސްތައް ނުނަގައިފިނަމަ، ސަޢޫދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރާމްކޯގެ މަރުކަޒުތަކަށާއި ތެޔޮ އުފުލާ ބޯޓުފަހަރަށް ޙަމަލާދޭނެކަމުގެ އިންޒާރު ޙޫޘީން ދީފިއެވެ.
ރަތް ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރަމުންދިޔަ ދެ ބޯޓަކަށް ޙޫޘީން ދާދިފަހުން ވަނީ ޙަމަލާދީފައެވެ. މިގޮތުން އެއް ބޯޓަށް ޑްރޯން މެދުވެރިކޮށް ޙަމަލާދީފައިވާއިރު، އަނެއް ބޯޓަށް ޙަމަލާދީފައިވަނީ ކްރޫޒް މިސައިލެއް ބޭނުންކޮށްގެންނެވެ. މީގެ ތެރެއިން އެއް ބޯޓުގެ މަތީ ބަޔަށް ޙަމަލާ އަރައި އަލިފާން ރޯވިކަން އިނގިރޭސިވިލާތުގެ ކަނޑުމަތީގެ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ ބޯޓު އަޑިއަށްދާ ފަދަ ނުރައްކާތެރި ޙަމަލާއެއް ނޫންކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ދެވަނަ ބޯޓު ވަނީ މިސްރާބު ބަދަލުކޮށް ސުއޭޒް ކެނަލްއާ ދިމާއަށް ދަތުރުކޮށްފައެވެ.
މި ޙަމަލާތަކާ ގުޅިގެން ބާބުލްމަންދަބު ކަނޑުއޮޅިން ދަތުރުކުރަން އުޅުނު މަދުވެގެން ދިހަ ބޯޓެއް ވަނީ އެފްރިކާ ބައްރު ވަށާލުމަށްފަހު ކޭޕް އޮފް ގުޑް ހޯޕް މަގުން ދަތުރުކުރަން މަޖުބޫރުވެފައެވެ. މިއީ މާ ދިގު ރާސްތާއެކެވެ. ޙަމަލާ އަމާޒުވި ބޯޓުތަކަކީ އިންޑިއާއާއި ޗައިނާއަށް މުދާ ހިފައިގެން ދަތުރުކުރަމުންދިޔަ ބޯޓުތަކެކެވެ. ޙޫޘީން ބުނާ ގޮތުގައި މި ޙަމަލާތަކަކީ ޔަމަނާ ދެކޮޅަށް ސަޢޫދީން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދުދިނުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެކެވެ.
Ads by BMLޔަމަނުގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ނުގެނެސްފިނަމަ، ޙަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމަށް ޙޫޘީން ބުނެއެވެ. މިގޮތުން ބާބުލްމަންދަބު ހުރަސްނުކުރި ނަމަވެސް، ސަޢޫދީގެ ތެޔޮ ޓޭންކަރުތަކަށާއި އެހެނިހެން ބޯޓުފަހަރަށް ޙަމަލާދޭނެކަމުގެ އިންޒާރު އެމީހުން ވަނީ ދީފައެވެ. މީގެ މާނައަކީ ސުއޭޒް ކެނަލްއިން ދަތުރުކުރާ ބޯޓުފަހަރަށްވެސް ނުރައްކާ އޮތުމެވެ. މީގެ އިތުރުން ސަޢޫދީގެ ޤައުމީ ތެޔޮ ކުންފުނި އަރާމްކޯގެ މުހިންމު ފެސިލިޓީތައްވެސް ކުރިއަށް އޮތް ތަނުގައި ޙަމަލާތަކުގެ އަމާޒަކަށް ވެދާނެކަމަށް ޙޫޘީންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މިއީ ދުނިޔޭގެ ތެލުގެ ބާޒާރަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފާނެކަމެއްކަމަށް މުޙައްލިލުން ދެކެއެވެ.
Ads by MACL
