ވޯލްޑް ކަޕް ފައިނަލް އަލުން ކުޅެން އެދި އާޖެންޓީނާގެ ސަޕޯޓަރުން ސޮއިކުރާ ޕެޓިޝަނުގައި 61 ހާހަށްވުރެ ގިނަ މީހުން ސޮއިކޮށްފި
އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗު އަލުން ކުޅުމަށް ގޮވާލައި އާޖެންޓީނާގެ ސަޕޯޓަރުން ފަށާފައިވާ ކެމްޕެއިން ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.
ބީއިން ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، Change.org ޕްލެޓްފޯމްގައި ހުޅުވާލާފައިވާ މި ޕެޓިޝަނުގައި މިހާތަނަށް 61,500 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މިދިޔަ ޖުލައި 19 ވަނަ ދުވަހު ނިއުޔޯކްގައި ކުޅުނު މި ފައިނަލް މެޗާ ގުޅިގެން މި ޕެޓިޝަން ފަށާފައިވަނީ ޖިސެލާ ސާންޗޭޒް ނަމަކަށް ކިޔާ ސަޕޯޓަރެކެވެ.
މި ޕެޓިޝަންގައި ސުވާލު އުފައްދާފައިވަނީ ފައިނަލް މެޗުގައި ރެފްރީކަން ކުރި ސްލޮވީނިއާގެ ރެފްރީ ސްލަވްކޯ ވިންސިކްގެ ނިންމުންތަކާމެދުގައެވެ. ރެފްރީގެ ބައެއް ނިންމުންތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށް ބަދަލު އައިސްފައިވާ ކަމަށާއި، މެޗުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ޕެޓިޝަންގައި ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ވެރިފައިޑް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
Ads by BMLނަމަވެސް Change.org ފަދަ އާންމު ޕްލެޓްފޯމްތަކުގައި ހުޅުވާލާ ޕެޓިޝަންތަކަކީ ފީފާގެ ރަސްމީ މުބާރާތެއްގެ ނަތީޖާ ބަދަލުކުރުމުގެ އެއްވެސް ގާނޫނީ ބާރެއް އޮންނަ އެއްޗެއް ނޫން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކުޅިވަރުގެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުން ނުވަތަ ކަމާ ގުޅޭ ގަވަރނިންގ ބޮޑީތަކުގެ ހުކުމަކުން މެނުވީ، މެޗެއް އަލުން ކުޅެވޭނީ ވަރަށް ޚާއްސަ ހާލަތްތަކެއް މެދުވެރިވެގެންނެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މިފަދަ ޕެޓިޝަނެއް ހުށަހެޅުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މީގެ ކުރިން ސެމީ ފައިނަލްގައި ފްރާންސް އާއި ސްޕެއިން ކުޅުނު މެޗަށްފަހު، ފްރާންސްގެ ސަޕޯޓަރުން ވެސް ވަނީ 82,000 އަށްވުރެ ގިނަ ސޮއިއާއެކު މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައެވެ. އެއީ ލަނޑު ޖެހުމުގެ ކުރިން ހިނގި ހާދިސާއަކާ ގުޅިގެންނެވެ. ނަމަވެސް އެ ކެމްޕެއިނުންވެސް މެޗުގެ ރަސްމީ ނަތީޖާއަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ފައިނަލް މެޗުން އާޖެންޓީނާ ބަލިވި ނަމަވެސް، ވޯލްޑް ކަޕް ތަށި ދިފާއުކުރުމާ ހަމައަށް ގައުމީ ޓީމުން ކުރި އުއްމީދީ ދަތުރަށް ސާބަސް ދިނުމަށާއި ޝުކުރު އަދާކުރުމަށް އާޖެންޓީނާގެ އެކި ކަންކޮޅުތަކުގައި ހާސްހާ ފޭނުން ވަނީ މަގުތަކަށް ނުކުމެ އެއްވެފައެވެ.
Ads by MACL
