ބަހުރައިނުގައި ހުންނަ އެމެޒޯންގެ ޑޭޓާ ސެންޓަރަށް އީރާނުން ހަމަލާދީފި
އެމެރިކާގެ އަސްކަރިއްޔާއަށް ޖާސޫސީ އެހީތެރިކަން ފޯރުކޮށްދޭކަމަށް ތުހުމަތުކޮށް ބަހުރައިނުގައި ހުންނަ އެމެޒޯންގެ ޑޭޓާ ސެންޓަރަކަށް އަމާޒުކޮށް ހަމަލާދީފައިވާކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފިއެވެ.
މިކަމާ ގުޅިގެން އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ކުޑަކުދިން މަރާ އަސްކަރިއްޔާއަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެމެޒޯން ކުންފުނީގެ ޑޭޓާ ސެންޓަރަށް އަމާޒުކޮށް ހަމަލާދީ އެތަން ހަލާކުކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން ފާއިތުވި ބުދަ ދުވަހުވެސް މި ޑޭޓާ ސެންޓަރަށް ހަމަލާދީފައިވާކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ ބުނެފައެވެ.
އެމެރިކާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެމެޒޯންއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކްލައުޑް ކޮމްޕިއުޓިންގ އަދި ޑޭޓާ ރައްކާކުރުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބޮޑު ކުންފުންޏެކެވެ. އީރާނުން މިފަދަ ތުހުމަތުތަކެއްކޮށް ހަމަލާދީފައިވާކަމަށް ބުނެފައިވީ ނަމަވެސް މިހާތަނަށް އެމެޒޯން ކުންފުނިންވެސް އަދި ބަހުރައިނުގެ ސަރުކާރުންވެސް މިކަމާ ގުޅޭގޮތުން އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
Ads by BMLމި ހަމަލާއަކީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވެއެވެ. މިފަދަ މަދަނީ އަދި ވިޔަފާރި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ސަރަހައްދުގެ ސައިބަރ އަދި ޑިޖިޓަލް ވިއުގަތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް މުހައްލިލުން އަންނަނީ ފާހަގަކުރަމުންނެވެ. އެހެންކަމުން މި ހާދިސާގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިތަކަށާއި ސަރަހައްދީ ސަލާމަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.
Ads by MACL
