އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 55 އަށް އަރައިފި
އެމެރިކާގެ އަސްކަރިއްޔާއިން ދާދިފަހުން އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 55 އަށް އަރައި، ޒަޚަމްވި މީހުންގެ އަދަދު 645 އަށް އިތުރުވެފައިވާކަމަށް އީރާނުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އީރާނުގެ ދެކުނާއި ހުޅަނގުދެކުނުގެ ސަރަހައްދުތަކަށެވެ.
އީރާނުގެ ފާސް ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ސިއްހަތާބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، އެންމެ ގިނަ ބަޔަކަށް ގެއްލުންވެފައިވަނީ ޚޫޒިސްތާން ޕްރޮވިންސުން ކަމަށެވެ. މީގެ އިތުރުން ހުރުމުޒްގާން އަދި ސީސްތާން އާއި ބަލޫޗިސްތާން ޕްރޮވިންސުންވެސް ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، މަރުވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުންނަކީ މި ތިން ޕްރޮވިންސަށް ނިސްބަތްވާ މީހުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހޮސްޕިޓަލްތަކަށް ގެންދެވުނު މީހުންގެ ތެރެއިން ގިނަ ބައެއްގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އީރާނުގެ ސިއްހީ އިދާރާތަކުން ވަނީ ބުނެފައެވެ. އެގޮތުން ޒަޚަމްވި މީހުންގެ ތެރެއިން 586 މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ބައިނަލްއަގުވާމީ މަސްރަހުގައި މިކަމަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުމަށް އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
Ads by MACL
