ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހުޅަނގު އައްސޭރީގައ ހިނގި ވަރުގަދަ ކުރިމަތިލުމެއްގައި އިސްރާއީލްގެ މީހަކު މަރުވެއްޖެ

ހުޅަނގު އައްސޭރީގައ ހިނގި ވަރުގަދަ ކުރިމަތިލުމެއްގައި އިސްރާއީލްގެ މީހަކު މަރުވެއްޖެ

ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ތިލް އަވަށަށް އިސްރާއީލުގެ ވަޒަންވެރިންތަކެއް ވަދެގަތުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްގައި ބަޑިޖަހައި ފަލަސްތީނުގެ ހަތަރު މީހަކާއި އިސްރާއީލުގެ އެކަކު މަރާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހަވާތު ގިލާދު ކިޔާ ޔަހޫދީ އާބާދީއާ ކައިރީގައި ކަމަށްވާއިރު، މިކަމާ ގުޅިގެން އެ ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި މި ހަމަނުޖެހުންތައް ފެށުނީ، ފައިމަގުގައި ހިނގާލަން ދިއުމުގެ ނަމުގައި އިސްރާއީލުގެ ގިނަ އަދަދެއްގެ ވަޒަންވެރިން ތިލް އަވަށަށް ވަދެގަނެ ފަލަސްތީނު ރައްޔިތުންގެ ގެތަކަށް ބަޑިން ހަމަލާދޭން ފެށުމުންނެވެ. ރިޕޯޓުތައް ބުނާގޮތުން، އިސްރާއީލު މީހުންނަށް ހަމަލާދީފައިވަނީ ވަޒަންވެރިންގެ ހިމާޔަތުގައި ތިބި އިސްރާއީލުގެ ސެކިއުރިޓީ ގާޑެއްގެ އަތުން ފަލަސްތީނު މީހަކު ހަތިޔާރެއް އަތުލުމަށްފަހުގައެވެ. މި ހަމަލާގައި އިސްރާއީލުގެ އެކަކު މަރުވުމުގެ އިތުރުން ތިން މީހަކު ވަނީ ޒަޚަމްވެފައެވެ. އަނެއްކޮޅުން އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހަކު ވަނީ އެ ސަރަހައްދުގައި މަރާލާފައެވެ.

މިފަދަ ހަމަލާތަކުގައި އާންމުކޮށް ފެންނަ ފަދައިން، އިސްރާއީލު ސިފައިން ވަނީ ތިލް އަވަށަށް ވަދެވެން ހުރި ހުރިހާ ޗެކްޕޮއިންޓުތަކެއް ބަންދުކޮށް، އަނިޔާވި ފަލަސްތީނު މީހުންނަށް ސިއްހީ ފަރުވާ ހޯދުމަށް ހުރަސްއަޅާފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ހެލިކޮޕްޓަރުގައި އެ ސަރަހައްދުން ގެންދިޔައީ ހަމައެކަނި ޒަޚަމްވި އިސްރާއީލު މީހުންނެވެ. މީގެ ސަބަބުން އަނިޔާވި ފަލަސްތީނު މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ، ތިލް އަވަށާ ދެކޮޅަށް އިސްރާއީލު ސިފައިން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ޔަހޫދީ ވަޒަންވެރިންނަކީ އިސްރާއީލުގެ ދިފާއީ ފާރު ކަމަށާއި، އެމީހުންނާ ދެކޮޅަށް ދޭ ހަމަލާތަކަށް ދޫނުދެއްވާނެ ކަމަށެވެ. މީގެ އިތުރުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ، މި ހަމަލާއަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ވިދާޅުވެ، ހުޅަނގު އައްސޭރީގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ހުޅަނގު އައްސޭރީގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ވަޒަންވެރިން ހަތިޔާރާއެކު ފަލަސްތީނުގެ ރަށްތަކަށް ވަދެ ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަންތައްތަކެއް ކަމަށް އދ. އިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، އިސްރާއީލުގެ ސަރުކާރުގެ ތާއީދާއެކު ވަޒަންވެރިން ހިންގާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.