އިރާނާ މަޝްވަރާކުރަމުންދާއިރުވެސް ބޮޑު ހަމަލާއަކަށް ތައްޔާރު: ޓްރަމްޕް
އެމެރިކާގެ އަސްކަރިއްޔާ އިރާނަށް މެސިވް އެޓޭކެއް ނުވަތަ ބޮޑު ހަމަލާއެއް ދިނުމަށް "ލޮކްޑް އެންޑް ލޯޑެޑް" ނުވަތަ ފުރިހަމައަށް ތައްޔާރުވެގެން އޮތް ކަމަށާއި، ނަމަވެސް އިރާނާ އެކު މަޝްވަރާތައް ކުރިއަށްދާތީ އަވަސް އަރުވާލައިގެން ފިޔަވަޅެއް ނާޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އޮވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ އޮތީ ހަމަލާދޭން ތައްޔާރަށް ކަމަށާއި، ނަމަވެސް ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ހިނގަމުންދާތީ ކަންކަން ނިމިގެންދާނެ ގޮތެއް ބެލުމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި އިރާނުގެ އޮފިޝަލުން މިހާރު ކުރިއަށްވުރެ ބޮޑަށް އެއްބަސްވުމަކަށް އަންނަން ބޭނުންވާ ތަން ފެންނަ ކަމަށެވެ. އަދި ކުރިއަށް އޮތް މިޑްޓާމް އިންތިހާބާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބެލުމެއް ނެތި، އަވަސް އަރުވާނުލައި މަޝްވަރާތަކަށް ފުރުސަތު ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައިވެސް ޓްރަމްޕް ވަނީ އިރާނުން އެއްބަސްވުމަކަށް އައުމުގެ ޝައުގުވެރިކަން ފެންނަކަން ފާހަގަކުރައްވައި، ނަމަވެސް ސީދާ އެއްބަސްވުމަކަށް އާދެވޭނެކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށް ވިދާޅުވެފައެވެ.
Ads by BMLމަޝްވަރާތައް ކުރިއަށްދާއިރު، އިރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ބަހުރައިން، ކުވައިތު އަދި ޖޯޑާނުގައި ހުރި އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. އިރާނުގެ މެހެރު ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަހުރައިންގެ ޝެއިޚް އީސާ އެއާބޭސްގައި ހުރި ތެޔޮ ޓޭންކްތަކަށާއި، ސާމާނު ގުދަންތަކުގެ އިތުރުން ޖޯޑާނުގެ މުވައްފަގް ސަލްތީ ބޭސްގެ އެއާކްރާފްޓް ހޭންގާތަކަށް ވަނީ ހަމަލާތައް އަމާޒުކޮށްފައެވެ. އިސްލާމީ ރިވޮލިއުޝަނަރީ ގާޑް ކޯރ އިން ބުނެފައިވަނީ މިއީ އެމެރިކާއިން ހިންގަމުންދާ ޖަރީމާތަކަށް ދިން ރައްދެއް ކަމަށެވެ.
އަނެއްކޮޅުން އެމެރިކާ ސިފައިންވެސް ވަނީ އިރާނުގެ ދެކުނާއި ހުޅަނގުގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އިރާނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި، މިސައިލާއި ޑްރޯން ލޯންޗްކުރާ ތަންތަނުގެ އިތުރުން ޑިފެންސް ސިސްޓަމްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ހާއްސަކޮށް ޝީރާޒް، ކޮނާރަކް އަދި ޗާބަހާރު ސަރަހައްދުތަކަށް އެމެރިކާގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.
މި ހަމަނުޖެހުންތަކާއެކު ސަރަހައްދީ ހަނގުރާމަ އިތުރަށް ފުޅާވެފައިވާއިރު، އިރާނުގެ މަދަދުލިބޭ ޔަމަނުގެ ހޫތީން ވަނީ ރެޑް ސީގައި ދަތުރުކުރަމުންދިޔަ ސައުދީ ތެޔޮ ބޯޓުތަކަކަށް ހަމަލާދީ އަލިފާން ރޯކޮށްލާފައެވެ. މީގެ އިތުރުން ހޯރމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރަކަށްވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، ގަލްފު ސަރަހައްދުގައި ވިޔަފާރި އުޅަނދުތަކަށް ލިބޭ ގެއްލުންތަކުގެ ބަދަލު ނެގުމަށް އެމެރިކާއިން އިރާނުގެ ފްރީޒްކޮށްފައިވާ ފައިސާ ބޭނުންކުރާނެ ކަމަށް ބުނުމާ ގުޅިގެން މަޝްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.
އެމެރިކާގެ މި ނިންމުމަށް ރައްދުދެއްވަމުން އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، އެހެން ގައުމެއްގެ މުދާ ހިފަހައްޓައި އެހެން ކަމަކަށް ބޭނުންކުރުމަކީ ނުރައްކާތެރި އުސޫލެއް ކަމަށާއި، މީގެ ސަބަބުން އެއްވެސް ގައުމެއްގެ މުދަލަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ.
Ads by MACL
