ޔަމަނުގެ އަސްކަރީ މަރުކަޒުތަކަކަށް ސައުދީ އަރަބިއްޔާއިން ހަމަލާދީފި
ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއިން ޔަމަނުގެ ހުދައިދާ ޕްރޮވިންސްގައި ހުރި އަސްކަރީ މަރުކަޒުތަކަކަށާއި މުވާސަލާތީ ވަސީލަތްތަކަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ ރަތް ކަނޑުގެ މުހިންމު ސަރަހައްދެއްގައި އޮންނަ ކަމަރާން ޖަޒީރާއަށް ކަމަށް ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ނުވަތަ އާންމު ނަމުންނަމަ ހޫތީން ވަނީ ބުނެފައެވެ.
ކަމަރާން ޖަޒީރާއަކީ ބާބުލްމަންދަބް ކަނޑުއޮޅިއާ ގާތުގައި އޮންނަ، ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިންމު ރަށެކެވެ. މިއީ ސައުދީގެ ތެޔޯ އުފުލާ ބޯޓުފަހަރަށާއި ބައިނަލްއަގުވާމީ ވިޔަފާރި ބޯޓުފަހަރަށް މީގެ ކުރިންވެސް ހަމަލާތައް އަމާޒުވެފައިވާ މުހިންމު ކަނޑުގެ މަގެއް ކަމަށްވުމުން، ހުދައިދާ ޕްރޮވިންސްގައި ހިނގާ ކޮންމެ ކުރިމަތިލުމަކީ ކަނޑުދަތުރުފަތުރަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ސައުދީ އަރަބިއްޔާއިން މީގެ ކުރިންވެސް ހުދައިދާއަށް ހަމަލާތައް ދީފައިވީ ނަމަވެސް، އެ ގައުމުން ބުނެފައިވަނީ ހުދައިދާގެ މައި ބަނދަރަށް އެއްވެސް ހަމަލާއެއް އަމާޒުކޮށްފައި ނުވާނެ ކަމަށާއި، ބަނދަރުގެ ހިދުމަތްތައް މެދުނުކެނޑި އަދިވެސް ކުރިއަށްދާ ކަމަށެވެ.
ސައުދީގެ މި ހަމަލާތަކަކީ ހޫތީން ކުރިންވެސް ލަފާކޮށްފައިވާ ކަމެކެވެ. އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސައުދީން ހަމަލާދީފިނަމަ، އޭގެ ރައްދުގައި ރަތް ކަނޑުން ދަތުރުކުރާ ތެޔޯ އުފުލާ ބޯޓުފަހަރާއި ވިޔަފާރި ބޯޓުފަހަރުގެ އިތުރުން ސައުދީ އަރާމްކޯގެ މަރުކަޒުތަކަށާއި، ވައިގެ ބަނދަރުތަކަށާއި، ތެޔޮ ހޮޅިތަކަށް ހަމަލާދީ މަސްރަހު އިތުރަށް ހޫނުކުރާނެ ކަމުގެ އިންޒާރު ހޫތީން އޮތީ ދީފައެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބައިނަލްއަގުވާމީ ކަނޑުގެ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
Ads by BML
Ads by MACL
