ނޭޕާލުގެ ބަޔޯމެޓްރިކް ޤައުމީ އައިޑީ ކާޑު ދަތުރުފަތުރުގެ ލިޔުމެއްގެ ގޮތުގައި ބަލައިގަތުމަށް އިންޑިއާގެ ހުއްދައަށް އެދިއްޖެ
ނޭޕާލުން އެ ޤައުމުގެ ބަޔޯމެޓްރިކް ނެޝަނަލް އައިޑެންޓިޓީ (އެންއައިޑީ) ކާޑު، ދެ ޤައުމުގެ މެދުގައި ދަތުރުކުރުމަށް ރަސްމީ ލިޔުމެއްގެ ގޮތުގައި ބަލައިގަތުމަށް އިންޑިއާގެ ހުއްދައަށް ރަސްމީކޮށް އެދިފައިވާ ކަމަށް "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓްކޮށްފިއެވެ.
މިހާރު އޮތް އުސޫލުން ނޭޕާލް ރައްޔިތުން އިންޑިއާއަށް، ޚާއްޞަކޮށް ވައިގެ މަގުން ދަތުރުކުރާއިރު ގެންދަންޖެހެނީ ސައްޙަ ޕާސްޕޯޓެއް ނުވަތަ އަޞްލު ރައްޔިތުކަން އަންގައިދޭ ލިޔުމެކެވެ. އަދި އިންޑިއާ ރައްޔިތުން ނޭޕާލަށް ވަނުމަށް ބޭނުންވަނީ ޕާސްޕޯޓެއް ނުވަތަ ފޮޓޯ ހިމެނޭ އަޞްލު ވޯޓަރު އައިޑީ ކާޑެކެވެ.
ނޭޕާލްގެ ޤައުމީ އައިޑީ ކާޑުގައި އިނގިލިކުރީގެ ނިޝާނާއި، މޫނުގެ ފޮޓޯގެ އިތުރުން ލޮލުގެ ނިނިޔަފުތީގެ ސްކޭން ފަދަ ބަޔޯމެޓްރިކް މައުލޫމާތުތައް ހިމެނެއެވެ. މި ޕްރޮގްރާމް ޕައިލެޓް އުސޫލުން އެންމެ ފުރަތަމަ ފަށާފައިވަނީ 2009 ވަނަ އަހަރު، ޕަންޗްތަރު ޑިސްޓްރިކްޓާއި ސަރުކާރުގެ މުވައްޒަފުންގެ މެދުގައެވެ.
Ads by BMLމިހާތަނަށް 4.5 މިލިއަނަށްވުރެ ގިނަ ނޭޕާލް ރައްޔިތުންނަށް މި ކާޑު ދޫކޮށްފައިވާއިރު، ގާތްގަނޑަކަށް 20 މިލިއަން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނޭޕާލް ސަރުކާރުގެ އަމާޒަކީ ބޭންކިންގ ޚިދުމަތްތަކާއި، ބިން ރަޖިސްޓްރީ ކުރުމާއި، ޕާސްޕޯޓް ދޫކުރުން އަދި އާންމު އެހެނިހެން ޚިދުމަތްތަކަށް މި ކާޑު މަޖުބޫރު ކުރުމަށްފަހު، ރައްޔިތުކަން އަންގައިދޭ ލިޔުމުގެ ބަދަލުގައި މައިގަނޑު އެއް އައިޑީ ކާޑު ބޭނުންކުރަން ފެށުމެވެ.
މިކަމާ ގުޅޭގޮތުން ނޭޕާލްގެ އިމިގްރޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ރާމް ޗަންދްރަ ޓިވާރީ ވިދާޅުވީ، ދިގު މުއްދަތަކަށް ބަލާއިރު ރައްޔިތުކަން އަންގައިދޭ ލިޔުމުގެ ބަދަލުގައި އޮންނާނީ ސައްޙަކަން ކަށަވަރުކުރެވިފައިވާ، ޓެކްނޮލޮޖީއާ ރައްޓެހި އެއް އައިޑީ ކާޑު ކަމަށެވެ. އެހެންވެ، ވައިގެ މަގުންނާއި އެއްގަމު މަގުން ދަތުރުކުރާއިރުވެސް އެންއައިޑީ ކާޑު ބޭނުންކުރުމުގެ ހުއްދައަށް އިންޑިއާގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހުށަހެޅުމާ ގުޅިގެން އިންޑިއާ އެމްބަސީގެ ވަފުދެއް ވަނީ މި ހަފްތާގެ ކުރީކޮޅު ނޭޕާލްގެ އިމިގްރޭޝަން އޮފިޝަލުންނާ ބައްދަލުކޮށްފައެވެ. އެ ވަފުދުން މި އިސްނެގުމަށް އެދެވޭ "ޕޮޒިޓިވް" އިޝާރާތެއް ދީފައިވާ ކަމަށާއި، މި ހުށަހެޅުން މިހާރު އިންޑިއާގެ މަރުކަޒީ ސަރުކާރަށް ފޮނުވާފައިވާ ކަމަށް "ދަ ކަތްމަންޑޫ ޕޯސްޓް" އިން ރިޕޯޓްކޮށްފައިވެއެވެ.
އޭގެ އިތުރުން ނޭޕާލްގެ ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދެ ޤައުމުގެ މެދުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު ރެކޯޑްކުރާނެ ރަސްމީ ނިޒާމެއް ގާއިމުކޮށް، ބޯޑަރުގެ ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް މެނޭޖްކުރުމާ ބެހޭގޮތުންވެސް ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވިފައިވެއެވެ.
Ads by MACL
