ބޯހިޔާވަހިކަމުގެ އަގު ބޮޑުވުމުން ޔަމަނުގެ އެތައް އާއިލާއެއް ހަނގުރާމަވެރި ސަރަހައްދުގައި ދިރިއުޅެން މަޖުބޫރުވެއްޖެ
ޔަމަނުގެ ތާއިޒް ސިޓީގައި ގެދޮރުގެ ކުލި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ފަގީރުކަން ތަހައްމަލުކުރަމުންދާ އެތައް އާއިލާއަކަށް އިތުރު ގޮތެއް ނެތިގެން ހަނގުރާމައިގެ ކުރީސަފާ ގާތުގައިވާ ނުރައްކާތެރި ސަރަޙައްދުތަކުގައި ދިރިއުޅެން މަޖުބޫރުވެއްޖެއެވެ. މީގެ ސަބަބުން ކުށެއްނެތް އާންމުންނާއި ކުޑަކުދިންނަށް ސްނައިޕަރުންގެ ހަމަލާތަކާއި ހަނގުރާމައިގެ ނުރައްކާތަކާ ކޮންމެ ދުވަހަކު ކުރިމަތިލާން ވަނީ ޖެހިފައެވެ.
ޔަމަނުގައި ދިހަ އަހަރަށްވުރެ ދިގުލައިގެންގޮސްފައިވާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ތާއިޒްގެ ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ. ސަރުކާރުގެ ފައުޖުތަކާއި ހޫތީންގެ ހަނގުރާމަވެރިންނާ ދެމެދު އޮންނަ ސަރަޙައްދުގައި ދިރިއުޅުމަކީ ނުރައްކާތެރި ކަމެއްކަން އެނގިތިބެމެ، ގިނަ ބަޔަކު އެ ސަރަހައްދުތަކަށް ބަދަލުވަނީ އަމާން ސަރަޙައްދުތަކުގައި ތިން ކޮޓަރީގެ ގެއެއްގެ ކުލި ސަތޭކަ ތިރީސް ޑޮލަރަށް އަރާފައިވުމުން އެކަމަށް ޚަރަދުކުރާނެ ތަނަވަސްކަން ނެތުމުންނެވެ. އޭގެ ބަދަލުގައި، ކުރީސަފާ ގާތުން މަހަކު ގާތްގަނޑަކަށް ތޭރަ ޑޮލަރަށް ކުއްޔަށް ލިބެން ހުންނަ ގެތަކަށް ބަދަލުވުމަށް އެކަނިވެރި މައިންނާއި ފަގީރު އާއިލާތަކަށް ވަނީ މަޖުބޫރުވެފައެވެ.
މިގޮތަށް ނުރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާ އާއިލާތަކުގެ ކުޑަކުދިންނަށް ސްނައިޕަރުންގެ ހަމަލާތައް އަމާޒުވުމުގެ ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. އދ. އިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ޔަމަނުގައި ސްނައިޕަރުންގެ ހަމަލާތަކުގައި ގެއްލުންލިބޭ އާންމުންގެ ފަސްދޮޅަސް ހަ އިންސައްތަ މީހުންނަކީ ތާއިޒް ސިޓީގެ ރައްޔިތުންނެވެ. ތާއިޒްގެ ޖޯގްރަފީ އޮންނަ ގޮތުންނާއި، ފަރުބަދަމަތީގެ ސަރަޙައްދުތަކުގެ ސަބަބުން ސްނައިޕަރުންނަށް ފަސޭހައިން އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމުގެ ފުރުޞަތު ފަހިވެފައި އޮވެއެވެ. މިފަދަ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ރޭގަނޑު އަނދިރިކޮށްގެން ތިބުމަށާއި، ކުޑަކުދިން ބޭރަށް ނުނެރެ ގޭގެ ނިވަލުގައި ކުޅެން ބޭތިއްބުމަށް އާންމުންނަށް ވަނީ މަޖުބޫރުވެފައެވެ.
Ads by BMLތާއިޒް އަކީ ޔަމަނުގެ އެންމެ އާބާދީ ބޮޑު ސަރަޙައްދަށް ވާއިރު، ހަތަރު މިލިއަނަށްވުރެ ގިނަ މީހުން އެ ސަރަޙައްދުގައި ދިރިއުޅެއެވެ. އަދި ހަތަރު ލައްކައަށްވުރެ ގިނަ މީހުންނަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަކޮށްފައިވާ މީހުންނެވެ. ހަނގުރާމައިގެ ސަބަބުން ދިހަ ހާހަށްވުރެ ގިނަ ގެދޮރު އެއްކޮށް ނުވަތަ ބޮޑުބައެއް ހަލާކުވެފައިވާއިރު، އަމާން ސަރަޙައްދުތަކުގައި ހުރި ގެދޮރު މަރާމާތުކުރުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކުން ބައެއް ގެތައް މަރާމާތުކޮށްދިން ނަމަވެސް، މުޅި ޤައުމުގައި ހާލުގައި ޖެހިފައިވާ އާބާދީއާ އަޅާބަލާއިރު އެއީ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ.
ގެދޮރުގެ ކުލި ނުދެއްކޭ ފަރާތްތަކަށް، ހަނގުރާމައިގެ ކުރީސަފުގައި ހުންނަ ގެތައް ބެލެހެއްޓުމުގެ ޝަރުތުމަތީގައި ހިލޭ ދިރިއުޅުމުގެ ފުރުޞަތު ލިބެއެވެ. އެހެންނަމަވެސް، މިއީ އެމީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުން ފަދަ ކަމެކެވެ. މާލީ ތަނަވަސްކަން ހުރި ބައެއް ފަރާތްތަކުން އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ކުއްޔަށް ދިރިއުޅެމުންދަނީ އެފަދަ ނުރައްކާތެރި ސަރަޙައްދުތަކަށް އެނބުރި ދިއުމަށްވުރެ ރައްކާތެރި މާހައުލެއްގައި އާއިލާ ގޮވައިގެން އުޅުމަށް އިސްކަންދޭތީއެވެ. ޔަމަނުގެ ދާޚިލީ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ނުލިބި، އިޤްތިޞާދީ ހީނަރުކަން މައްޗަށް ދާހާ ހިނދަކު، ތާއިޒްގެ ރައްޔިތުންނަށް މި ބިރުވެރިކަމާއި ނުރައްކާތެރިކަމުގެ ތެރޭގައި ދިރިއުޅުން ކުރިއަށްގެންދިއުން ނޫން އިތުރު ގޮތެއް ނެތެވެ.
Ads by MACL
