ޓެސްޓު ޕޭޕަރު ލީކުކުރާނަމަ ހަރުކަށި އަދަބު ދެބޭ ބިލެއް އިންޑިއާގެ ގާނޫނުހަދާ މަޖިލީހަށް ހުށަހަޅައިފި
އިންޑިއާގައި ބާއްވާ އާންމު އިމްތިހާނުތަކުގެ ކަރުދާސް ލީކުވުން ހުއްޓުވުމުގެ ގާނޫނު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލި އިސްލާހީ ބިލު، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޑީއޯޕީޓީ ޖިތެންދްރަ ސިންގް މިއަދު އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާ އަށް ހުށަހަޅުއްވައިފިއެވެ.
މި ބިލު ހުށަހަޅާފައިވަނީ، އިންޑިއާގެ މެޑިކަލް ދަރިވަރުންނަށް ދޭ ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވުމުގެ މައްސަލައިގައި ފާއިތުވި މަހެއްހާ ދުވަހު މުޅި ގައުމުގައި ދަރިވަރުން ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދަރިވަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ އިމްތިހާނުތަކުގެ ނިޒާމު އިސްލާހުކޮށް، ކަމާބެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ގޮވާލަމުންނެވެ. އެހެންކަމުން މައި ގާނޫނަށް މި ގެނެވޭ އިސްލާހުތަކަކީ މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމުގެ މަގުސަދުގައި ގެނެވޭ އިސްލާހުތަކެކެވެ.
މި އިސްލާހުތަކުގެ ދަށުން، މިފަދަ ކުށްތަކުގެ ޝަރީއަތްތައް ހިންގުމަށްޓަކައި ހާއްސަ ފާސްޓް ޓްރެކް ކޯޓުތަކެއް ކަނޑައެޅުމުގެ ބާރު ސްޓޭޓް ސަރުކާރުތަކަށާއި ޔޫނިއަން ޓެރިޓަރީތަކަށް ލިބިގެންދާނެއެވެ. އަދި މި ކޯޓުތަކުގައި ކޮންމެ ދުވަހަކު ޝަރީއަތްތައް ކުރިއަށްގެންގޮސް، ދައުވާ އުފުލާތާ ތިން މަސްދުވަހުގެ ތެރޭގައި ޝަރީއަތް ނިންމަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އިމްތިހާނުތަކުގެ ކަރުދާސް ލީކުވުމުގެ މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލުމުގެ ބާރު މަރުކަޒީ ސަރުކާރަށް ދީފައިވާއިރު، މިފަދަ މައްސަލަތަކުގެ ތަހުގީގު ދެ މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރަން ލާޒިމުކުރެއެވެ.
Ads by BMLއިމްތިހާނުތަކާ ގުޅޭ ކުށްތަކަށް ކަނޑައެޅިފައިވާ ޖަލު އަދަބުތަކާއި ޖޫރިމަނާތައް މި ބިލުގެ ސަބަބުން އިތުރަށް ބޮޑުވެގެންދާނެއެވެ. އަދި މި ގާނޫނުގެ ދަށުން ހިންގާ މައްސަލަތަކުގައި ވަކާލާތުކުރުމަށް ހާއްސަ ޕަބްލިކް ޕްރޮސިކިއުޓަރުން އައްޔަންކުރުމުގެ ބާރުވެސް ސްޓޭޓް ސަރުކާރުތަކަށް ލިބޭނެއެވެ. ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ހައި ކޯޓުގެ ޑިވިޝަން ބެންޗަކަށް ހުށަހެޅޭނެ ނިޒާމެއް ގާއިމުކޮށްފައިވާއިރު، އެފަދަ އިސްތިއުނާފުތައް ބަލައިގަންނަތާ ތިން މަސްދުވަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭނެކަމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގައި މި މައްސަލައާ ގުޅިގެން ހަމަނުޖެހުންތަކެއް ހިނގަމުންދިޔަ ނަމަވެސް، މި އިސްލާހުތަކަށް އިންޑިއާގެ ކެބިނެޓުން ވަނީ މިދިޔަ ހުކުރު ދުވަހު ރުހުންދީފައެވެ. މި ބަދަލުތަކަކީ އިންޑިއާގެ ތައުލީމީ ނިޒާމާމެދު ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
Ads by MACL
