ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މޯލެއްގެ ބައެއް ވެއްޓި ގިނަ ބަޔަކު ތާށިވެއްޖެ
ޖަޕާނަށް މިއަދު އައި މެގްނިޓިއުޑް 7.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ވިޔަފާރި މޯލެއްގެ ބައެއް ވެއްޓި، އޭގެ ދަށުގައި ގިނަ އަދަދެއްގެ މީހުން ތާށިވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެ ގައުމުގެ ގަޑިން ހަވީރު 16:27 ހާއިރު އައި މި ބިންހެލުން އުފެދިފައިވަނީ ވެރިކަން ކުރާ ޓޯކިޔޯގެ ހުޅަނގުދެކުނުން ގާތްގަނޑަކަށް 900 ކިލޯމީޓަރު ދުރަށެވެ. ބިންހެލުމާއެކު ސުނާމީގެ އިންޒާރު މީޓިއޮރޮލޮޖިކަލް އޭޖެންސީން ނެރުނު ނަމަވެސް، ނުރައްކާ ކުޑަވުމުން ފަހުން ވަނީ އެ އިންޒާރު އުވާލައިފައެވެ.
މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ތަނަކީ ކަޝިމާ ޓައުންގައި ހުންނަ އެއޯން މޯލްއެވެ. އެ މޯލްގެ ދެވަނަ ފަންގިފިލާ ކުއްލިއަކަށް ވެއްޓުމުގެ ސަބަބުން، އެ ތަނުގައި މަސައްކަތްކުރާ 30 މުވައްޒަފުންގެ ޚަބަރެއް ނުވެ، އިތުރު މީހުންވެސް ކޮންކްރީޓް ބްލޮކްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި މި ހާދިސާގައި ބައެއް މީހުން މަރުވެފައިވާ ކަމަށް މީޑިއާތަކުން ލަފާކުރެއެވެ.
Ads by BMLއިމާރާތުގެ ދަށުގައި ތާށިވި މީހުން ސަލާމަތްކުރުމަށް ކުރުއަރަމުންދާ މަސައްކަތުން، މިހާތަނަށް ބައެއް މީހުން ސަލާމަތުން ނެގިފައިވާ ކަމަށް އެމަރޖެންސީ ޚިދުމަތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޖަޕާނުގެ ގައުމީ ނޫސް އެންއެޗްކޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބިންހެލުމުގެ ސަބަބުން ސިލްސިލާ ގޮވުމެއްވެސް އެ މޯލްގެ ތެރޭގައި ހިނގާފައިވެއެވެ.
މޯލްގައި އުޅުނު މުވައްޒަފަކު މަޢުލޫމާތު ދިން ގޮތުގައި، ބިންހެލުން އައުމާއެކު ގިނަ އަދަދެއްގެ އާންމުން އަވަސްއަވަހަށް ބޭރަށް ނެރުނު ނަމަވެސް، އެ ގޮވުން ގޮވަން މެދުވެރިވި ސަރީހަ ސަބަބެއް އަދި ސާފެއް ނުވެއެވެ.
މި ބިންހެލުމުގެ އަސަރު ބޮޑަށް ކުރި ސަރަޙައްދުތަކުން ގާތްގަނޑަކަށް ތިން ލައްކަ މީހުން ރައްކާތެރި ތަންތަނަށް ބަދަލުވުމަށް އިރުޝާދު ދީފައިވާއިރު، މީހުން ސަލާމަތްކުރުމުގެ ފުޅާ އޮޕަރޭޝަނެއްގައި ސިފައިންގެ އެތައް ސަތޭކަ މެންބަރުންނެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
Ads by MACL
