ޕީއޯކޭގެ މުޒާހަރާވެރިންނަކީ އިންޑިއާ ފަދަ ދުޝްމަނުންތަކެއް: ޕާކިސްތާނުގެ ދިފާއީ ވަޒީރު
ޕާކިސްތާނުން ވެރިކަން ކުރާ ކަޝްމީރު (ޕީއޯކޭ) ގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މުޒާހަރާކުރާ މީހުންނާ ދެކޮޅަށް އިސްލާމާބާދުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާތީ، އެކަން ދިފާއުކުރައްވައި ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ އެ މުޒާހަރާވެރިންނަކީ އިންޑިއާ ފަދަ ދުޝްމަނުންގެ ގޮތުގައި ބައްލަވާ ކަމަށެވެ. މި ވާހަކަތައް އޭނާ ދައްކަވާފައިވަނީ ޕީއޯކޭގެ ރާވަލަކޯޓް ސަރަހައްދުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ސިފައިން ދިން ހަމަލާތަކެއްގައި ކަޝްމީރުގެ 32 މުޒާހަރާވެރިއަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިއަހަރުގެ ޖޫން 5 ވަނަ ދުވަހުން ފެށިގެން ޕީއޯކޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 90 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީރުޕޫރު ސިޓީގައި ޕާކިސްތާނުގެ ސެކިއުރިޓީ ސިފައިން އާންމުންގެ ގަޔަށް އަންދާޒާއެއް ނެތި ބަޑިޖަހައި، މަރުވި މީހުންގެ ހަށިގަނޑުތައް ވެހިކަލްތަކަށް އަރުވާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މަރުވި ގިނަ މީހުންނަކީ އެ ސަރަހައްދުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ސަބަބުން އިސްލާމާބާދުން މަނާކޮށްފައިވާ ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ (ޖޭއޭއޭސީ) އާ ގުޅުންހުރި އެކްޓިވިސްޓުންނެވެ. މަރުވި މީހުންގެ ތެރޭގައި ޖޭއޭއޭސީގެ ބާނީ މެންބަރު އުމަރު ނަޒީރުގެ ކުޑަކުޑަ ބޭބެ އުސްމާން ނަޒީރުވެސް ހިމެނެއެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޕާކިސްތާނުގެ ސިފައިން ދެމުންދިޔަ ހަމަލާތަކުން ސަލާމަތްވުމަށް އާންމުން ދުވަމުންދިޔައިރު، މަގުތަކުގައާއި ސައިކަލުތައް ކައިރީގައި ގިނަ އަދަދެއްގެ މީހުން މަރުވެގެން ވެއްޓިފައި ތިއްބެވެ. މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެފައިވަނީ އިސްލާމާބާދުން އެ ސަރަހައްދުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.
ޖޭއޭއޭސީން ސޯޝަލް މީޑިއާގައި ކުރި އޯސްޓެއްގައި ބުނެފައިވަނީ މީރުޕޫރުގައި ސިފައިން ދިން ހަމަލާތަކުގައި އިތުރު ފަސް މީހަކު މަރުވެފައިވާ ކަމަށާއި، ރާވަލަކޯޓުގައި ސިފައިން ކަރުނަގޭހާއި އުންޑަ ބޭނުންކޮށްގެން އާންމުންނަށް ހަމަލާދެމުންދާ ކަމަށެވެ. އަދި އެމީހުން މަރުވި މީހުންގެ ހަށިގަނޑުތައް ނަގަމުންދާއިރު، އިންސާނިއްޔަތކަމެއް ނެތި އިންދަމުންދާ ނަފުރަތުގެ އާކިބަތް ސަރުކާރަށް ތަހައްމަލު ނުކުރެވޭނެ ކަމަށްވެސް އެޖަމާއަތުން ބުނެފައިވެއެވެ.
މީގެއިތުރުން ޕާކިސްތާނުގެ މީޑިއާތަކުން ޖޭއޭއޭސީން ރާވަލަކޯޓަށް ގައްސު ބާރުން ވަންނަން އުޅުނު ކަމަށް ކުރާ ތުހުމަތުތައް އެޖަމާއަތުން ވަނީ ދޮގުކޮށްފައެވެ. އެޖަމާއަތުން ބުނީ ރާވަލަކޯޓަކީ އެމީހުންގެ އަމިއްލަ ސިޓީ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން އެ ސިޓީ ހިފައްޓައިގެން ތިބީ ސަރުކާރުގެ ސިފައިން ކަމަށާއި، ހަތިޔާރެއް ނެތް އާންމުންގެ ގަޔަށް ބަޑިޖަހައި ގިނަ އަދަދެއްގެ ބަޔަކު މަރާލާފައިވާ ކަމަށެވެ.
Ads by MACL
