ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކައުނުގެ ކުރީކޮޅު ބޮޑެތި ގެލެކްސީތައް ނެތިގެންދިޔަ ސަބަބު ސައިންސްވެރިން ހޯދައިފި

ޖޭޑަބްލިޔުއެސްޓީ އާއި އަލްމާ އިން ހާމަކުރާ ގޮތުގައި ކްރިސްޓަލް-02 އިން ތަރި އުފެދޭ ތެލަކީ ނުވަތަ ގޭހަކީ ނައްތާލާ ވަރުގަދަ ގޭސް އައުޓްފްލޯއެކެވެ.
ޖޭޑަބްލިޔުއެސްޓީ އާއި އަލްމާ އިން ހާމަކުރާ ގޮތުގައި ކްރިސްޓަލް-02 އިން ތަރި އުފެދޭ ތެލަކީ ނުވަތަ ގޭހަކީ ނައްތާލާ ވަރުގަދަ ގޭސް އައުޓްފްލޯއެކެވެ.

ކައުނު އުފެދުނުތާ ކުރީކޮޅު ބޮޑެތި ގެލެކްސީތައް ނެތިގެންދާން މެދުވެރިވި ސަބަބު ދެނެގަނެވިފައިވާ ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ.

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިއުއެސްޓީ) އާއި އަޓަކާމާ ލާޖް މިލިމީޓަރ/ސަބްމިލިމީޓަރ އެރޭ (އަލްމާ) ބޭނުންކޮށްގެން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި، މިފަދަ ގެލެކްސީތަކުން އާ ތަރިތައް އުފެދުން ހުއްޓެނީ އެ މާހައުލުގައި އުފެދޭ ވަރުގަދަ ގޭސް ވަޔެއްގެ ސަބަބުންނެވެ.

ބިގް ބޭންގްއަށްފަހު ދެ ބިލިއަން އަހަރުވެސް ނުވަނީސް ބޮޑެތި ގެލެކްސީތައް "މަރުވެ" ނުވަތަ ނެތިގެންދާ ސަބަބާމެދު ގިނަ ދުވަސްތަކެއް ވަންދެން ސައިންސްވެރިން އައީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް "މަންތުލީ ނޯޓިސަސް އޮފް ދަ ރޯޔަލް އެސްޓްރޮނޮމިކަލް ސޮސައިޓީ" ގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ކްރިސްޓަލް-02 ނަމަކަށްދެވިފައިވާ މާސިންގާ ގެލެކްސީ ސިސްޓަމުން ވަނީ ވަރުގަދަ ގޭސް ފްލޫމެއް ބޭރުވަމުންދާތަން ފެނިފައެވެ.

ސުވިންބާން ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީގެ ރެބެކާ ޑޭވިސް އިސްކޮށް ހުންނަވައި ކުރިއަށްގެންދެވި މި ދިރާސާއިން އެނގުނު ގޮތުގައި، ސިކުންތަކު 640 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ މި ގޭސް ވަޔަކީ ތަރިތައް އުފެދޭ މިންވަރަށްވުރެ ދެގުނަ އަވަހަށް ގޭސް ބޭރުކުރަމުންދާ ވަޔެކެވެ. މި އަވަސްމިނުގައި ގޭސް ބޭރުވަމުންދާނަމަ، އެ މާހައުލުގައި ތަރިތައް އުފެދުމަށް ބޭނުންވާ މޮލެކިއުލަރ ފިއުލް ކުރިއަށް އޮތް 100 މިލިއަން އަހަރުގެ ތެރޭގައި އެއްކޮށް ހުސްވާނެއެވެ.

މި ވަރުގަދަ ވައި އުފެދެނީ ސުޕަރމެސިވް ބްލެކް ހޯލްތަކުގެ ސަބަބުން ނޫންކަމާއި، އެއީ ގެލެކްސީތައް އެކުވެ ގުޅުމުގެ ތެރޭގައި އުފެދޭ ސުޕަރނޯވާ (ގޮވާ ތަރިތައް) ގެ ސަބަބުން އުފެދޭ ހަކަތައިން ކަން ދިރާސާއިން ވަނީ ކަށަވަރުވެފައެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކައުނުގެ ކުރީކޮޅު އުޅުނު ބޮޑެތި ގެލެކްސީތަކުގެ ތެރެއިން ދެބައިކުޅައެއްބައި ގެލެކްސީ މިފަދަ އެކުވުންތަކުގެ ތެރެއިން ހިނގައްޖެނަމަ، މުޅި ކައުނުގައި މަރުވެފައިވާ މާސިންގާ ގެލެކްސީތައް ގިނަވުމުގެ އަސްލު ސަބަބަކީ މިއީއެވެ.