މޯދީއަށް އަމާޒުކޮށް ހެދި ޕޯސްޓުތަކަކާ ގުޅިގެން މެޓާ އިންޑިއާގެ ވެރިޔާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ޕޯސްޓުތަކަކާ ގުޅިގެން، މެޓާ އިންޑިއާގެ ވެރިޔާ އަރުން ސްރީނިވާސް އާއި ފޭސްބުކް އަދި އިންސްޓަގްރާމްގެ އެކައުންޓްތަކަކާ ދެކޮޅަށް ހައިދަރުއާބާދު ސައިބަރ ކްރައިމް ކޮމިޝަނުން މައްސަލަ ރަޖިސްޓްރީކޮށްފިއެވެ.
މިއީ އިންސްޓަގްރާމް ބޭނުންކުރި އަމިއްލަ ދެ ފަރުދަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފެށި ތަހުގީގެކެވެ. މޯދީގެ އަބުރަށް ހުތުރުވާ ގޮތަށް، އޭއައި އަދި ޑިޖިޓަލް ނިޒާމުތައް ބޭނުންކޮށްގެން ބަދަލުގެނެފައިވާ ވީޑިއޯއާއި ފޮޓޯތަކެއް ފެތުރި ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ. މިއީ ބޮޑުވަޒީރު މޯދީއަށް އަމާޒުކޮށްގެން ހިންގި އިހުތިޖާޖުތަކެއްގެ ތެރެއިން އުފެދިގެން އައި ކަމެކެވެ.
މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައިވަނީ، މިފަދަ ޕޯސްޓުތަކާއި ކޮމެންޓުތަކުގެ ސަބަބުން އާންމުންގެ މެދުގައި ނުބައި މައުލޫމާތު ފެތުރި، އިޖުތިމާއީ ހަމަޖެހުން ނެތިގެންދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި އަބުރު ކަތިލުމާއި އާންމު އިއްޒަތަށް އަރައިގަތުމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
Ads by BMLމި މައްސަލައާ ގުޅިގެން މެޓާއިން ވަނީ އިންޑިއާ ސަރުކާރަށް ކަށަވަރުކަން ދީފައެވެ. އެގޮތުން މޯދީ ފަދަ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އެކައުންޓުތަކާއި ޕޯސްޓުތައް ބެލެހެއްޓުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް މެޓާއިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ނިންމުންތައް ނިންމާނީ ކުންފުނީގެ އިސް ދެ އޮފިޝަލުންގެ ސީދާ ބެލުމުގެ ދަށުން ކަމަށްވެސް ހާމަކޮށްފައިވެއެވެ.
Ads by MACL
